އިސްރާއީލްއިން ހިންގަމުންދާ ޤަތުލު ޢާންމު ހުއްޓުވުމަށް ޑިޕްލޮމެސީގެ ބޭނުންކުރުމަށް ރާއްޖެއިން ގޮވާލައިފި

އިސްރާއީލްއިން ހިންގަމުންދާ ޤަތުލު ޢާންމު ހުއްޓުވުމަށް ޑިޕްލޮމެސީގެ ބޭނުންކުރުމަށް ރާއްޖެއިން ގޮވާލައިފި

Author
ހުސައިން
31 ޖުލައި 2025 12:58
0

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އ.ދ.ގެ މައިމަރުކަޒުގައި ޖުލައި 28 އިން 30 އަށް ކުރިއަށްދިޔަ ހައި-ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓަލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްޓައިން އެންޑް ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް-ސޮލިއުޝަން ގައި ދިވެހިރާއްޖެއިން ބައިވެރި ވެއްޖެއެވެ. މި ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރެއްވީ އ.ދ.އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދުއެވެ.

ކޮންފަރެންސްގައި ތަޤްރީރުކުރައްވަމުން ޑޮކްޓަރ ޢަލީ ނަޞީރު ވިދާޅުވީ ފަލަސްޠީނުގައި އިސްރާއީލްއިން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ޤަތުލު ޢާންމު ހުއްޓުވުމަށް ޑިޕްލޮމެސީ އާއި މަލްޓިލޭޓަރަލިޒަމްގެ އުސޫލުތައް ބޭނުންކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލަން ކަމަށެވެ. 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށް ކަމުގައި ހިމެނޭ މިނިވަން ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމުގެ ޙައްޤު ބަލައިގަތުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން އިން ދަ ނިއަރ އީސްޓް (އަންރުވާ) އިން ފަލަސްޠީނު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ކުރިއަށް ގެންދިއުމުގެ ބޭނުންތެރިކަން ވެސް ފާހަގަކުރެއްވިއެވެ. އަރަބް ރީކޮންސްޓްރަކްޝަން ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިރާއްޖެ ތައްޔާރަށް އޮތްކަމަށް ޑޮކްޓަރ ޢަލީ ނަޞީރު ޔަޤީންކަން ދެއްވިއެވެ.

ފްރާންސާއި ސަޢޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރުން ޗެއަރކުރެއްވި މި ކޮންފަރެންސަކީ 2024 ވަނަ އަހަރު ޑިސެމްބަރު 3 ގައި އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކުރި ޤަރާރު ނަންބަރު A/RES/79/81 ގައި ބާއްވަން ނިންމި ބައްދަލުވުމެކެވެ. ފަލަސްޠީނުގެ މައްސަލައާއި ދެ ޤައުމެއްގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ އ.ދ.ގެ ޤަރާރުތައް އަމަލީ ސިފައަށް ގެނައުމަށް މަސައްކަތްކުރުމަކީ މި ކޮންފަރެންސްގެ މައިގަނޑު މަޤްސަދެވެ. މެދު އިރުމަތީގެ ޙާލަތު ގޯސްވުމުގެ ސަބަބުން ޖޫން މަހު މެދުކަނޑާލެވުނު މި ކޮންފަރެންސް އަލުން ފެށުނީ ޖުލައި 28 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.