ރަޝިއާގެ ކަމްޗަޓްކާ ޕެނިންސުލާގެ ކައިރީގައި މިއަދު ހަވީރު އައި 8.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އެމެރިކާގެ ކެލިފޯނިއާ ކޯސްޓާއި ހަވާއީއަށް ސުނާމީ އަރާފައިވެއެވެ. މިއީ ދުނިޔޭގައި ރެކޯޑުކުރެވިފައިވާ އެންމެ ބާރުގަދަ ހަވަނަ ބިންހެލުމެވެ.
ނޭޝަނަލް ސުނާމީ ވޯނިންގ ސެންޓަރުން ހާމަކުރި ގޮތުގައި ސުނާމީގެ ފުރަތަމަ ރާޅުތައް އުތުރު ކެލިފޯނިއާގެ ކްރެސެންޓް ސިޓީ އަދި ހަމްބޮލްޑްޓް ބޭއަށް ލޯކަލް ގަޑިން ރޭގަނޑު 11:50 ގައި އަރާފައިވެއެވެ. އޭގެފަހުން މެންދަމު ފަހު 12:15 ގައި މޮންޓެރީއަށާއި 12:40 ގައި ސެން ފްރެންސިސްކޯއަށް ސުނާމީ ރާޅުތައް ފޯރާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ސެން ފްރެންސިސްކޯގެ ބޭ އޭރިއާގައި 15 މިނެޓުގެ ތެރޭގައި 2 އިން 2.5 ފޫޓަށް ފެންގަދަ ބަދަލުވަމުންދާ ކަމަށް ނޭޝަނަލް ވެދަރ ސަރވިސްއިން ހާމަކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ގޮނޑުދޮށްތަކާއި ބަނދަރުތަކުގައި ވަރަށް ނުރައްކާތެރި ކަރަންޓްތައް އުފެދިފައިވާ ކަމަށް އިންޒާރުދީފައިވެއެވެ.
ހަވާއީގައި ފުރަތަމަ ސުނާމީ ވޯނިންގ ނެރުނު ނަމަވެސް ފަހުން އެއީ އެޑްވައިޒަރީއަކަށް ބަދަލުކޮށްފައިވެއެވެ. ހަވާއީގެ އޮފިޝަލުން ބުނި ގޮތުގައި ސުނާމީގެ އެންމެ ނުރައްކާތެރި ބައި ނިމުނު ނަމަވެސް އަދިވެސް ގޮނޑުދޮށްތަކުން ދުރުގައި ތިބުމަށް އިލްތިމާސްކުރެއެވެ.
މޮންޓެރީ ކައުންޓީގެ ޝެރިފް އޮފީހުން މޮސް ލޭންޑިންގ ސަރަހައްދުގައި އުޅަނދުފަހަރުގައި ދިރިއުޅޭ މީހުންނަށް އިވެކުއޭޝަން ވޯނިންގ ނެރެފައިވާއިރު، ކެލިފޯނިއާގެ އެކި ސަރަހައްދުތަކުގައި ގޮނޑުދޮށްތައް ބަންދުކޮށްފައިވެއެވެ.
ރަޝިއާގެ ޕެޓްރޮޕާވްލޮވްސްކް-ކަމްޗަޓްސްކީ ސިޓީގައި ބިންހެލުމުގެ ސަބަބުން ގިނަ މީހުން ނޯޓާއި ބޫޓާ ނުލައި އަވަސްއަވަހަށް ގެތަކުން ބޭރަށް ނިކުމެފައިވާއިރު، ގެތަކުގައި ހުރި ތަކެތި ވެއްޓި، ކާރުތައް ހެލިފައިވާ ކަމަށް ރަޝިއާގެ ޓާސް ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ. އަދި ބައެއް ސަރަހައްދުތަކުގައި ކަރަންޓް ކެނޑި، މޯބައިލް ފޯނުގެ ޚިދުމަތްތައް ވެސް ހުއްޓިފައިވެއެވެ.
ޖަޕާނުގެ އުތުރުގައި ހުންނަ ހޮކައިޑޯގެ ހަމަނަކާ ޓައުންއަށް 60 ސެންޓިމީޓަރުގެ ސުނާމީ ރާޅެއް އަރާފައިވާއިރު، ޓޯކިޔޯ ބޭގައި 20 ސެންޓިމީޓަރުގެ ރާޅެއް ފެނިފައިވާ ކަމަށް ޖަޕާނުގެ މޫސުމީ އޮފީހުން ބުނެފައިވެއެވެ.
މި ބިންހެލުމަކީ ރިކްޓަރ ސްކޭލްގައި 8.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނެފައިވާއިރު، އެއީ ތާރީޚުގައި ރެކޯޑުކުރެވިފައިވާ އެންމެ ބާރުގަދަ ހަވަނަ ބިންހެލުން ކަމަށް ވެއެވެ. މި ބިންހެލުން ހިނގާފައިވަނީ ޕެޓްރޮޕާވްލޮވްސްކް-ކަމްޗަޓްސްކީ ސިޓީގެ ހުޅަނގު ދެކުނުން 136 ކިލޯމީޓަރ ދުރުގައި، ކަނޑުގެ އަޑީގައި 13 މޭލުގެ ފުންމިނުގައެވެ.
ކޮމެންޓު ފޮނުވާ