ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދަޢުވަތު އަރުވާފައިވެއެވެ. މި ދަޢުވަތު އަރުވާފައިވަނީ ސްރީލަންކާގެ ރައީސް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ރައީސުން ނެރުއްވި ޖޮއިންޓް ސްޓޭޓްމަންޓުގައެވެ.
ދެ ޤައުމުގެ ރައީސުންގެ މެދުގައި މިއަދު ބޭއްވުނު ބައްދަލުވުމުގައި ދިވެހިންނަށް އެއް އަހަރުގެ މެޑިކަލް ވިސާ އާއި ސްޕައުސް ވިސާ ދޫކުރުމަށް ސްރީލަންކާ ސަރުކާރުން ނިންމި ނިންމުމަށް ރައީސް މުޢިއްޒު ޝުކުރު އަދާކުރެއްވިއެވެ. ހަމައެއާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާގެ ދެމެދުގައި 60 އަހަރުގެ ސިޔާސީ ގުޅުން ޤާއިމުވެފައިވާކަން ފާހަގަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދެ ޤައުމުގެ ގުޅުމަކީ ހިއްސާކުރެވޭ ތާރީޚާއި އާދަކާދައާއި ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.
މަޝްވަރާތަކުގެ ތަފްޞީލު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ވިޔަފާރި، ދިފާޢު، ތަޢުލީމު، ވޮކޭޝަނަލް ތަމްރީނު، ޒުވާނުންނާއި ކުޅިވަރު، ތިމާވެށި، މަސްވެރިކަން އަދި ދަނޑުވެރިކަމުގެ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ގިނަ ފުރުޞަތުތައް ހުރިކަން ދެނެގަނެވިފައިވާ ކަމަށެވެ. މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުން ދޭހަކޮށްދެނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުންވެސް ދޭ އިސްކަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ތަޢުލީމީ ދާއިރާގައި ސްރީލަންކާގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގައި، ޢިލްމު ހިއްސާކުރުމާއި ޢިލްމީ މުއައްސަސާތަކުގެ މެދުގައި ގާތް ގުޅުން އުފެއްދުމަށް ދެ ޤައުމުން އެއްބަސްވެފައިވާކަން ރައީސް ވިދާޅުވިއެވެ.
ސްރީލަންކާގެ ރައީސް ޑިސަނާޔަކެ ދެއްކެވި ވާހަކަފުޅުގައި، ޖަޒީރާ އަވައްޓެރިންގެ ގޮތުގައި އޮތް ދެ ޤައުމުގެ ޘަޤާފީ ގުޅުންތައް ފާހަގަކުރައްވައި، ތަޢުލީމު، ވިޔަފާރި، އިންވެސްޓްމަންޓް، ފަތުރުވެރިކަން، ދެމެހެއްޓެނިވި މަސްވެރިކަމާއި ދަނޑުވެރިކަން އަދި ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި މަސައްކަތްތަކަށް ތަޢުރީފުކުރައްވަމުން، ސްރީލަންކާގައި ކުރިއަށްގެންދާ "ކްލީން ސްރީލަންކާ" ޕްރޮގްރާމުގެ ވާހަކަ ރައީސް ޑިސަނާޔަކެ ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމަކީވެސް ތިމާވެށި ރައްކާތެރިކުރުމަށް ސްރީލަންކާއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ