ޅޮހީގެ ތަރައްޤީއަށް އެދޭ ހުރިހާ މަޝްރޫޢެއް ފުރިހަމަކޮށްދޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ޅޮހީގެ ތަރައްޤީއަށް އެދޭ ހުރިހާ މަޝްރޫޢެއް ފުރިހަމަކޮށްދޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

Author
ހުސައިން
24 ޖުލައި 2025 10:54
0

ނޫނު އަތޮޅު ޅޮހީގެ ތަރައްޤީއަށް ރައްޔިތުން އެދޭ ހުރިހާ މަޝްރޫޢެއް ކުރިއަށްގެންގޮސް ފުރިހަމަކޮށްދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ނޫނު އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ޅޮހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭކަމަށާއި، އެކަންކަމަށް ސަމާލުކަންދެއްވައިގެން ކުރިއަށްގެންދާނެކަމަށް ވިދާޅުވެފައެވެ.

މިހާރު ހިނގަމުންދާ ބަނދަރު ތަރައްޤީގެ މަޝްރޫޢަށް ރައްޔިތުން ހުށަހަޅާފައިވާ ބަދަލުތައް ވީހާވެސް ރަނގަޅަށް ގެނެސްދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫޢު ހިންގާނީ އޮޑިއެހެލާ ސަރަހައްދަކާއެކު ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ގޮތަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޅޮހީ ސްކޫލަށް ޢިމާރާތުގެ ދަތިކަން ހައްލުކުރުމަށްޓަކައި އައު ޢިމާރާތެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، ޖެނުއަރީ މަހު ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ސްކޫލަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި ޚިދުމަތްތައް ފުރިހަމަކޮށްދޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ޅޮހީ ސިއްޙީ މަރުކަޒަށް ލެބޯޓްރީ، އިތުރު މުވައްޒަފުންނާއި ޖާގަ އިތުރުކުރުމުގެ މަޝްރޫޢު މިއަހަރުގެ ސެޕްޓެމްބަރު މަހު ކޮންޓްރެކްޓަރަކާ ހަވާލުކޮށް، ނޮވެމްބަރު މަހު އަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަންނަ އަހަރު ވާނީ ރަށުގެ ސިއްޙީ ނިޒާމަށް ރައްޔިތުން ހިތްހަމަޖެހޭ ހައްލެއް ލިބޭ އަހަރަކަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްޤީކުރުމާއި، ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ޅޮހީގެ މޫދަށް އެރޭ ސަރަހައްދު ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމާއި، ރަށުގެ ރިންގް ރޯޑުގެ މަޝްރޫޢު ބަނދަރު މަޝްރޫޢާއެކު ކުރިއަށްގެންދިއުމަށްވެސް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އާބާދީއަށް ބެލުމެއްނެތި ހުރިހާ ރަށެއްގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދާކަން ފާހަގަކުރައްވައި، ކައުންސިލާއި ރައްޔިތުން ރަށުގެ ތަރައްޤީއަށް އެދި ހުށަހެޅި ދިގު ލިސްޓުގައި ހިމެނޭ ހުރިހާ ކަމެއް ފުރިހަމަކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.