މޭ މަހުގެ ތެރޭގައި 33 މީހަކު އާއިލީ އަނިޔާގެ ޝިކާރައަކަށްވެފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ 27 އަންހެނުންނާއި 6 ފިރިހެނުންނެވެ.
މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކުރެވިފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. ޖުމްލަ 17 މީހަކު ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވެފައިވާއިރު، 12 މީހަކު ނަފްސާނީ އެހީތެރިކަމަށް އެދިފައިވެއެވެ. މީގެ އިތުރުން އެހެނިހެން އަނިޔާތަކުގެ ގޮތުގައި 4 މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ.
މިނިސްޓްރީން މި މުއްދަތުގައި ފޯރުކޮށްދީފައިވާ ޚިދުމަތްތަކުގެ ތެރޭގައި 48 މީހުންނަށް ކައުންސިލިންގ ސެޝަންތަކާއި، 2 މީހުންނަށް ނަފްސާނީ އެހީތެރިކަމާއި، 9 މީހުންނަށް ބެލެނިވެރިކަމުގެ ސެޝަންތައް ހިމެނެއެވެ.
ކުޑަކުދިންގެ ޙިމާޔަތާ ގުޅޭގޮތުން މިނިސްޓްރީން ހާމަކުރި މަޢުލޫމާތުގައި، މޭ މަހު ފިރިހެން ކުއްޖަކު ފޯސްޓަރ އާއިލާއެއްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ބުންޏެވެ. މިވަގުތު ސަރުކާރުގެ ބެލުމުގެ ދަށުގައި 66 އަންހެން ކުޑަކުދިންނާއި 82 ފިރިހެން ކުޑަކުދިން ތިބިކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މި މުއްދަތުގައި އިތުރު 3 އަންހެން ކުދިން ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ފިރިހެން ކުއްޖަކު އެކުއްޖާގެ އާއިލާއާ ހަވާލުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން އިޖުތިމާޢީ ސަޕޯޓުގެ ގޮތުގައި 3 މައްސަލަ ހުށަހެޅިފައިވާކަމަށާއި، އަމިއްލަ ނަފްސަށް އަނިޔާދިނުމުގެ 27 މައްސަލަ މޭ މަހު ރިޕޯޓުކުރެވިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ