ސީޕްލޭން ޕްލެޓްފޯމެއް ކަނޑައިގެން އޮޔާދާތީ ކާށިދޫ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލު ވުމަށް އިލްތިމާސް ކޮށްފި

ސީޕްލޭން ޕްލެޓްފޯމެއް ކަނޑައިގެން އޮޔާދާތީ ކާށިދޫ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލު ވުމަށް އިލްތިމާސް ކޮށްފި

Author
ހުސެއިން
19 ޖުލައި 2025 09:38
0

ރ.މާމުނަގާ ރިސޯޓް ފަޅުތެރޭގައި ބަހައްޓާފައިހުރި ސީޕްލޭން ޕްލެޓްފޯމެއް ކަނޑައިގެން އޮޔާދިޔުމާ ގުޅިގެން ކަނޑުމަތީގައި ދަތުރުކުރާ ފަރާތްތަކަށް ސމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އިލްތިމާސް ކޮށްފިއެވެ.

އެމްއެންޑީއެފުގެ ބަޔާނުގައި ވިދާޅުވީ، މި ޕްލެޓްފޯމް އޮޔާދާނެ ސަރަހައްދަކީ ކާށިދޫ ކަނޑު ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މިކަމާ ގުޅިގެން އެ ސަރަހައްދުގައި ދަތުރުފަތުރު ކުރާ އެންމެހައި ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ. ޚާއްސަގޮތެއްގައި ރޭގަނޑު ކަނޑުމަތީގައި ދަތުރުކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

މިވަގުތަކީ މޫސުން ގޯސްވެ، ކަނޑުތައް އާދަޔާ ޚިލާފަށް ބާރުގަދަވެފައިވާ ދުވަސްވަރެކެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ރާއްޖޭގެ ބޮޑު ހިސާބަކަށް ހުދު ސަމާލު ނެރެފައިވާއިރު، ވޭތުވެދިޔަ ދުވަސްތަކުގައި ކަނޑުމަތީގައި ކަންބޮޑުވާންޖެހޭ ހާދިސާތަކެއް ހިނގައިފައިވެއެވެ.

ގދ. މަޑަވެއްޔާ އަށް ދަތުރުކުރަމުން ދިޔަ ޑިންގީއެއް އޮޔާދިޔަކަމުގެ ރިޕޯޓެއް ލިބި، ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެ ޑިންގީ ބަންޑުންޖަހައިލުމުން އެއިން ދަތުރުކުރި ދެ މީހުން ޑިންގީގެ މަތީގައި ތިބިތަން އިއްޔެ ފެނިފައިވެއެވެ.

މީގެ އިތުރުން، ފާއިތުވި ހަފުތާގެ ބުރާސްފަތި ދުވަހު ގދ. ގައްދުއިން އެކަނި ޑިންގީއެއްގައި ދަތުރުކުރި މީހަކު، ޑިންގީ ބަންޑުންޖަހައިލުމުން ގެއްލި، ހޯދަމުން ދަނިކޮށް މަރުވެފައި އޮތްތަން އާދިއްތަ ދުވަހު ފެނިފައިވެއެވެ. މި ހާދިސާގައި މަރުވި މީހަކީ އެ ރަށު ކޯޒީރައުންޑްގެ ޒަކަރިއްޔާ މުޙައްމަދެވެ.

ކަނޑުމަތީގައި ދަތުރުކުރާ އެންމެހައި ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް އަޅައި، މޫސުމާ ބެހޭ މަޢުލޫމާތަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.