އަންނަ އަހަރު އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 700 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވާނެ

އަންނަ އަހަރު އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 700 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވާނެ

Author
ހުސައިން
17 ޖުލައި 2025 03:29
0

އަންނަ ދިރާސީ އަހަރު އަތޮޅުތެރޭގެ ރަށްރަށުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް 700 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ލަފާކުރެއެވެ.

ޓީވީއެމްގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މާލޭ ޒޯންގެ ކޯޑިނޭޓަރު އަބްދުލް ވަލިއްޔު އަލީ ވިދާޅުވީ، އަތޮޅުތަކުން މާލެ ސަރަހައްދުގެ ސްކޫލްތަކަށް ބަދަލުވުމަށް އެދޭ ދަރިވަރުންގެ އަދަދު އިތުރުވަމުންދާކަމަށެވެ. އަދި މިކަމަށް ތައްޔާރުވުމުގެ ގޮތުން މިނިސްޓްރީން ކުރިން ދުރާލާ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ދައްކާގޮތުން، މާލެ ސަރަހައްދުގައި ގްރޭޑް 1 އަށް ވަންނަ 2،000 އަށްވުރެ ގިނަ ދަރިވަރުން ތިބިއިރު، އެލްކޭޖީ އަދި ފައުންޑޭޝަން ސްޓޭޖުގައި 1،800 އަށްވުރެ ގިނަ ދަރިވަރުން ތިބިކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕްރޮގްރާމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ސައީދު މުހައްމަދު ވިދާޅުވީ، ކޮންމެ ދަރިވަރަކަށްވެސް އެމީހަކު ކިޔަވަން ބޭނުންވާ ސްކޫލަކުން ކިޔެވުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އަދި އަތޮޅުތަކުން މާލެއަށް ބަދަލުވާނެކަމަށް ލަފާކުރާ ދަރިވަރުންގެ އަދަދަށް ސްކޫލްތަކުން ޖާގަ ލިބޭނެކަން ކަށަވަރުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީން މިދިޔަ މޭ މަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް 4،443 ދަރިވަރުން އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.