ސިއްހީ ވުޒާރާއަށް ޕީއެސްއެއް މަގާމަށް ހޯދަން ވަނަ ފަހަރަށް އިއުލާން ކޮށްފި

ސިއްހީ ވުޒާރާއަށް ޕީއެސްއެއް މަގާމަށް ހޯދަން ވަނަ ފަހަރަށް އިއުލާން ކޮށްފި

Author
ހުސައިން
17 ޖުލައި 2025 10:10
0

ސިއްހީ ވުޒާރާގެ ޕާމަނަންޓު ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް މީހަކު ހޯދުމަށް ސިވިލް ސަރވިސް ކޮމިޝަނުން ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލައިފިއެވެ.

ސީއެސްސީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި މަގާމު އަންނަ އޮގަސްޓު 9 ވަނަ ދުވަހު ހުސްވާނެތީ، ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލެވޭނެއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ އާންމުކޮށެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ގެ ސަނަދަކާއެކު، ސަރުކާރުގައި ނުވަތަ އެހެނިހެން މުއައްސަސާތަކުގެ ހިންގުމުގެ ދާއިރާގައި 6 އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ. ނުވަތަ ލެވަލް 9 ގެ ސަނަދަކާއެކު، ހިންގުމުގެ ދާއިރާގައި 4 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވެސް ކުރިމަތިލެވޭނެއެވެ.

ހޮވޭ ފަރާތަކަށް މަހަކު 35،500 ރުފިޔާ ލިބޭނެއެވެ. މިއީ 20،500 ރުފިޔާގެ އަސާސީ މުސާރައާއި 15،000 ރުފިޔާގެ ލިވިންގ އެލަވަންސް ހިމެނޭ ޖުމުލައެވެ.

ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައެވެ. މީގެ ކުރިން ޖުލައި 6 ގައި ހަމަވި މުއްދަތެއްގައި ވެސް މި މަގާމަށް މީހަކު ހޯދުމަށް އިއުލާން ކޮށްފައިވެއެވެ.

މިހާރު މި މަގާމުގައި ހުންނެވީ 2020 ވަނަ އަހަރުގެ އޮގަސްޓު 10 ގައި އައްޔަންކުރެވުނު އާއިޝަތު ސާމިޔާއެވެ. އެހެންކަމުން ސާމިޔާ މި މަގާމުގައި ހުންނެވީ ގާތްގަނޑަކަށް 5 އަހަރު ވަންދެނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.