ދަރިންނަށް ޚަރަދު ނުދޭ ފަރާތްތަކުގެ މައުލޫމާތު ފޮޓޯއާއެކު އާންމުކުރަން ފަށައިފި

ދަރިންނަށް ޚަރަދު ނުދޭ ފަރާތްތަކުގެ މައުލޫމާތު ފޮޓޯއާއެކު އާންމުކުރަން ފަށައިފި

Author
ހުސައިން
16 ޖުލައި 2025 03:06
0

ދަރިންނަށް ކޯޓުން ކަނޑައަޅާ ސާބިތު ޚަރަދު ނުދައްކާ ފަރާތްތަކުގެ ވަނަވަރު ފޮޓޯއާއެކު އާންމުކުރުމުގެ ސިޔާސަތަށް ޢަމަލުކުރަން ފަށައިފިއެވެ. މިގޮތުން ފެމިލީ ކޯޓުން މިއަދު އާންމުކޮށްފައިވަނީ މާލެ، ދަފްތަރު ނަންބަރު ރސ 2758 ގައި ދިރިއުޅޭ އަޙްމަދު އަލީގެ ވަނަވަރެވެ.

ފެމިލީ ކޯޓުން ވިދާޅުވި ގޮތުގައި މިއީ ދަރިފުޅުގެ ޚަރަދަށްވާ ފައިސާ ދެއްކުމަށް ކޯޓުން ހުކުމްކުރުމަށްފަހުވެސް އެ ފައިސާ ނުދައްކާ ފަރާތެކެވެ. ޢާއިލާއާ ބެހޭ ޤަވާޢިދުގެ ދަށުން ކޯޓު ހުކުމާ އެއްގޮތަށް ދަރިންގެ ޚަރަދު ނުދައްކާ ފަރާތްތަކަކީ ސާބިތު ޚަރަދަށް ފައިސާ ނުދައްކާ މީހުންކަމަށް ބެލެވޭނެ ކަމަށާއި، މިފަދަ ފަރާތްތަކުގެ ވަނަވަރު އާންމުކުރުމަކީ ޤާނޫނީ ގޮތުން ހުއްދަ ކަމެއްކަމަށް ކޯޓުތަކުން ބުނެއެވެ.

މި ސިޔާސަތު ތަންފީޒުކުރަން ފެށީ މިދިޔަ ޖެނުއަރީ މަހުގައި ކަމަށާއި، އެގޮތުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓާއި ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން މީގެ ކުރިންވެސް ދަރިންނަށް ޚަރަދު ނުދޭ ބައެއް ފަރާތްތަކުގެ މައުލޫމާތު އާންމުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިއަދު ފެމިލީ ކޯޓުން އާންމުކުރި މައުލޫމާތަކީ އެ ކޯޓުން މިފަދަ މައުލޫމާތެއް އާންމުކުރި ފުރަތަމަ ފަހަރެވެ.

ދަރިންނަށް ޚަރަދު ނަގައިދިނުމުގެ ޤަވާއިދުގައި ބަޔާންކުރާ ގޮތުން، އެންމެ ދަރިއެއް ހުރި ފަރާތަކުން މަހަކު 2،000 ރުފިޔާ ދައްކަންޖެހޭ އިރު، އެއަށްވުރެ ގިނަ ދަރިން ތިބިނަމަ ކޮންމެ ދަރިއަކަށް މަހަކު 1،000 ރުފިޔާގެ މަގުން ޚަރަދު ދޭންޖެހެއެވެ. އެހެންނަމަވެސް ބައްޕަގެ ތަނަވަސްކަމަށް ބަލައި ނުވަތަ ދަރިންނަށް ކުރަންޖެހޭ އިތުރު ޚަރަދުތަކަށް ރިޢާޔަތްކޮށް މި އަދަދަށްވުރެ ބޮޑު އަދަދެއްވެސް ކަނޑައެޅިދާނެކަމަށް އެ ޤަވާއިދުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.