ޝިއާއު މަރާލި މައްސަލާގައި ޝާހިލްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު

ޝިއާއު މަރާލި މައްސަލާގައި ޝާހިލްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު

Author
ހުސައިން
14 ޖުލައި 2025 09:40
0

2022 ވަނަ އަހަރު ރަހުމު ކުޑަކޮށް މަރާލުމަށްފަހު ފެނިފައިވާ ޝިއާއު މުހައްމަދު ސައީދުގެ މައްސަލާގައި ތުހުމަތުކުރެވޭ އަލީ ޝާހިލްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލު ކޮށްފިއެވެ.

ޝާހިލްގެ މައްޗަށް ކުރެވިފައިވާ ދައުވާތަކުގެ އަޑުއެހުންތައް މިއަދު ބޭއްވުމަށް ހަމަޖެހިފައިވަނީ މެންދުރުފަހުގެ ވަގުތެއްގައެވެ. އޭނާގެ ޝަރީއަތް ފެށިގެން އައިއިރުވެސް ކުރިއަށް ގެންދެވެނީ ސިއްރުންކަން ފާހަގަކުރެވެއެވެ. ޝަރީއަތުގެ އަޑުއެހުންތައް ސިއްރުން ބޭއްވުމާއެކު، އޭނާގެ މައްޗަށް ކޮށްފައިވާ ބައެއް ދައުވާތަކުގެ ބާވަތްވެސް ސިއްރުކުރެވިފައިވާތީ، މި މައްސަލާގެ ތަފްސީލު މަޢުލޫމާތު ލިބެން ނެތެވެ.

ކްރިމިނަލް ކޯޓުން މީގެ ކުރިން ނިންމާފައިވަނީ، ޝާހިލް ފުލުހުންގެ ތަހުގީގަށް ދިން ބަޔާން ޝަރީއަތުގައި ބަލައިގަތުމަށެވެ. އޭނާ އެ ބަޔާން ބަލައިނުގަތުމަށް އެދުނު ނަމަވެސް، ކޯޓުން އެ އެދުން ބަލައިނުގަތެވެ.

ތަހުގީގުގައި އަދި ޝަރީއަތުގައިވެސް ފުރަތަމަ އެއްވެސް ވާހަކައެއް ނުދެއްކި ޝާހިލް، ފަހުން ވާހަކަދައްކަން ފެށުމަށްފަހު ބުނެފައިވަނީ، މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަން ނުހޯދައި އަމިއްލައަށް ކަމަށެވެ.

ޝިއާއު މަރާލައި، ބޮލާއި ހަތަރެސްފައި ބުރިކޮށްލި މި މައްސަލާގައި ޝާހިލްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުން، އޮރިޔާން ކާޑު ގެންގުޅުން، ކެނެބިސް ބޭނުންކުރުމުގެ އިތުރުން ސިއްރުކޮށްފައިވާ އިތުރު ދެ ދައުވާއެވެ.

ޝާހިލްގެ ބައްޕަ މީގެ ކުރިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޝާހިލްއަކީ އޭނާ ވަރަށް ލޯބިވާ ދަރިފުޅެއް ކަމަށާއި، ނަމަވެސް ގަސްދުގައި މީހަކު މަރައިފިނަމަ އިސްލާމީ ޝަރީއަތާ އެއްގޮތަށް ހައްގު އަދަބު ދިނުމަށް އެދޭ ކަމަށެވެ. ޝިއާއުގެ އާއިލާއިންވެސް އެދެނީ މަރަށް މަރުގެ ހުކުމް ތަންފީޒުކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.