ދިވެހިރާއްޖެއާ ބޭރު ޤައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ ޚަބަރުތައް މީޑިއާތަކުން ފެތުރުމަކީ ޤައުމަށް ދެވޭ ހަމަލާއެއް ކަމުގައި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މީޑިއާތަކުން މައުލޫމާތު ފޯރުކޮށްދިނުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމުގައި މިނިސްޓަރ ފާހަގަކުރައްވާ، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއަރާ ފަދަ މައުލޫމާތެއް ނަމަ، އެކަން ނުކޮށް ބާއްވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ޤައުމުގެ ތަރައްޤީއަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، ބޭރު ޤައުމުތަކާ އެކު އޮންނަ ރަނގަޅު ގުޅުންތައް ހީނަރުވާ ފަދަ ޚަބަރުތައް މީޑިއާތަކުން ފެތުރަމުންދާ ކަން ފާހަގަވެގެންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ނުފޫޒު ފޯރުވާ ނުވަތަ ބުރޫއަރާ ފަދަ ވާހަކައެއް ނަމަ، ޤައުމުގެ މަޞްލަޙަތަށްޓަކައި އެ ވާހަކައެއް ނުދައްކައި ބާއްވަންޖެހޭނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
ޚާއްޞަ ގޮތެއްގައި، ރާއްޖޭގެ މަސްވެރިކަމާ ގުޅުންހުރި މައުސޫއެއްގައި ބޭރު ޤައުމަކާ ގުޅުވައިގެން ޝާއިޢުކޮށްފައިވާ ނޫސް ސުރުޚީއެއް މިނިސްޓަރ މިސާލަކަށް ނެންގެވިއެވެ. މިފަދަ ސުރުޚީތަކުގެ ސަބަބުން ރާއްޖެއާމެދު އެހެން ޤައުމުތަކުގެ ޝައުޤުވެރިކަމާއި އިތުބާރަށް ނޭދެވޭ އަސަރު ކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަހަލަ ޢަމަލުތަކަކީ "އަމިއްލަ އަތުގައި އޮންނަ ފުރޮއަކުން އަމިއްލަ ފައިގައި ޖެހުން ފަދަ ކަމެއް" ކަމުގައި މިނިސްޓަރ ޚަލީލު ވިދާޅުވެފައި ވެއެވެ.
ބޭރު ޤައުމުތަކަށް ގޮސް ރާއްޖެ ތަމްސީލުކުރާއިރު އަބަދުވެސް ޕޮޒިޓިވް ކަންކަން ފެތުރުމަށް މަސައްކަތްކުރަންވާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖެއާ ގުޅޭ ސައްޙަ ނޫން މައުލޫމާތު ފޯރުކޮށްދިނުމުން ޤައުމަށް އެކި ގޮތްގޮތުން ގެއްލުންތައް ލިބޭ ކަން ފާހަގަކުރައްވައި، ބޭރު ޤައުމުތަކަށް ގޮސްގެން ދިވެހިން މިފަދަ ކަންކަން ކުރުން ހުއްޓާލަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ ހިތުގައި ޤައުމާމެދު ހަޤީޤީ ލޯތްބެއް އެބައޮތްތޯ ސުވާލު އުފައްދަވައި، ޤައުމިއްޔަތު ފެށިގެން އަންނަނީ ކޮންމެ ފަރުދަކާ ހިސާބުން ކަމަށް ވިސްނައި، ޤައުމިއްޔަތު ދިރުވައި ކުރިއެރުވުމުގައި އެންމެން ބައިވެރިވުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ