ޓެލެގްރާމް މެދުވެރިކޮށް ފިޝިން ލިންކުތައް ފޮނުވައިގެން އެކައުންޓުތައް ހެކްކުރުމުގެ ހާދިސާތައް ގިނަވަމުން ދިއުމާ ގުޅިގެން ސަމާލުވުމަށް ދިވެހި ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުންގެ މައުލޫމާތު ތަކުން ދައްކާގޮތުގައި، މިފަދަ ސްކޭމްތަކުގައި ޢާންމުކޮށް ބޭނުންކުރާ ގޮތަކީ "ފޮޓޯތަކެއް ހުރޭ" ނުވަތަ އެފަދަ ސުރުޚީއަކާއެކު ލިންކެއް ފޮނުވުމެވެ. މި މެސެޖުތައް އަންނަނީ އިތުބާރު ހުރި ރައްޓެއްސެއް ނުވަތަ ގާތް މީހެއްގެ ނަމުގައި ކަމުން، ގިނަ މީހުން މި ލިންކުތަކަށް ފިތުމުގެ ފުރުސަތު ބޮޑެވެ.
ލިންކަށް ފިތުމުން ފޯނު ނަންބަރު އިންސާޓް ކުރުމަށް ރިކުއެސްޓް ކުރެއެވެ. ދެން އަންނަ އޯޓީޕީ ކޯޑު ހިއްސާކުރުމަށް އެދޭނެއެވެ. މި މައުލޫމާތުތައް ދިނުމުން، ސްކޭމަރުންނަށް ޓެލެގްރާމް އެކައުންޓުގެ ފުރިހަމަ ކޮންޓްރޯލް ލިބިގެންދެއެވެ.
އެކައުންޓު ހެކްވުމަށްފަހު، ސްކޭމަރުން އެ އެކައުންޓުގެ ވެރިފަރާތުގެ ނަމުގައި ކޮންޓެކްޓް ލިސްޓުގައި ހުރި އެހެން މީހުންނަށް ހަމަ އެފަދަ ފިޝިން ލިންކުތައް ފޮނުވައެވެ. މިގޮތުން ސްކޭމް ފެތުރެމުން ދެއެވެ.
ޓެލެގްރާމް އެކައުންޓު ހެކްވެއްޖެ ކަމަށް ޝައްކުކުރެވޭނަމަ، ވަގުތުން އެޕްލިކޭޝަން ޑިލީޓްކޮށް އަލުން އިންސްޓޯލް ކުރުމަށް ފުލުހުން ލަފާދެއެވެ. އަލުން ސެޓަޕް ކުރާއިރު ޓޫ-ސްޓެޕް ވެރިފިކޭޝަން އޮން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ އެކައުންޓު ރައްކާތެރިކުރުމަށް އެޅޭނެ އެންމެ ފައިދާހުރި ފިޔަވަޅެވެ.
ރައްޓެހިން ނުވަތަ އިތުބާރު ހުރި މީހެއްގެ ނަމުގައި ލިންކެއް އައިސް، އެއީ ފޮޓޯ ނުވަތަ އެހެން ކޮންޓެންޓެއް ހުރި ލިންކެއް ކަމަށް ބުނިޔަސް، ސީދާ އެ ލިންކަށް ނުފިތުމަށް ފުލުހުން ވަރަށް ބޮޑަށް އިލްތިމާސް ކުރެއެވެ. މިފަދަ ޝައްކު ކުރެވޭ ލިންކެއް ލިބިއްޖެނަމަ، އެ މީހަކާ ސީދާ ގުޅައިގެން ޔަގީންކުރުމަކީ ރަނގަޅު ގޮތެކެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިފަދަ ފިޝިން އެޓޭކްތައް އިތުރުވަމުން ދާއިރު، ޓެލެގްރާމްގައި މި މައްސަލަ ޚާއްސަކޮށް ފާހަގަކުރެވެއެވެ. ހެކްކުރާ ފަރާތްތަކުން، އެކައުންޓުގެ ވެރިފަރާތުގެ ނަމުގައި ގާތްތިމާގެ މީހުންނާ ގުޅައި، އެކިއެކި ބަހާނާތަކުގެ ދަށުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމުގެ މަސައްކަތް ކުރެއެވެ.
އޮންލައިން ސަލާމަތާ ބެހޭގޮތުން ހޭލުންތެރިވެ، ނޭނގޭ ލިންކުތަކަށް ނުފިތުމާއި، ޕާސްނަލް އިންފޮމޭޝަން ހިއްސާ ނުކުރުމަކީ ކޮންމެ މީހަކުވެސް އަމަލުކުރަންޖެހޭ ކަންތައްތަކެވެ.
ކޮމެންޓު ފޮނުވާ