ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފުރިހަމަކޮށް މިއަދު ރަސްމީކޮށް ހުޅުވައިލައިފި އެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ.
މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއަރކްރާފްޓެއް ފުރަތަމަ ފަހަރަށް މާފަރަށް ޖެހުމާ އެކު ބޭއްވި މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއި ޔޫއޭއީގެ ސަފީރު ޝައިޚް ރަޙްމާ އަބްދުއްރަޙްމާން އައްޝަމްސީ އާއި އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ ޑިރެކްޓަ ޖެނެރަލް މުޙައްމަދު ސައިފް އައްސުވައިދީ އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާޙިމް އިޔާސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ މާލީ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު މި މަޝްރޫޢު ދެ ފިޔަވަހަކަށް ބަހާލައިގެން ފުރިހަމަކުރެވުނެވެ. ފުރަތަމަ ފިޔަވަހީގައި 2,200 މީޓަރުގެ ރަންވޭއެއް އަޅައި، ޓާމިނަލް އިމާރާތާއި ވީއައިޕީ ލައުންޖެއް ބިނާކުރެވުނެވެ. މީގެ އިތުރުން ފަޔަ އެންޑް ރެސްކިއު ސްޓޭޝަނަކާއި ކޮންޓްރޯލް ޓަވަރަކާއި ޕެސެންޖަ ޖެޓީއެއް ވެސް ޤާއިމުކުރެވުނެވެ.
މާފަރު އެއާޕޯޓުން އަމަލީ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ކޮމާޝަލް ދަތުރުތައް ފެށިފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުންނެވެ.
ދެވަނަ ފިޔަވަހީގައި ރަންވޭ 650 މީޓަރު ދިގުކޮށް، ބޮއިންގ 777-އީއާރް300 ފަދަ ބޮޑެތި އެއަރކްރާފްޓްތައް ބާލާ ގޮތަށް ތައްޔާރުކުރެވުނެވެ. ހަމައެއާއެކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި ރަންވޭގެ ލައިޓިން ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތް ވެސް ނިންމާލެވުނެވެ. މި ހުރިހާ މަސައްކަތެއް ފުރިހަމަވީ ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުގައެވެ.
މުޅި މަޝްރޫޢަށް އަބޫދާބީ ފަންޑުން 76 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފައިވެ އެވެ. މިހާރު މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުން ގެންދަނީ މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިންނެވެ.
ކޮމެންޓު ފޮނުވާ