ދިވެހި ފުޓުބޯޅައަށް އައު ބަދަލެއް ގެނައުމުގެ އަޒުމާއެކު، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި މިހާރުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްކަމަށް ކުރިމަތިލައިފިއެވެ. މި މަހުގެ 26 ގައި ބޭއްވޭ އިންތިހާބުގައި ވާދަކުރެއްވުމަށް ޓޮމް ފޯމު ހުށަހަޅާފައިވަނީ އެފްއޭއެމްގެ 23 މެމްބަރު ކުލަބްގެ ފުރިހަމަ ތާއީދު އާއެކުއެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ ތަރައްގީއަށްޓަކައި ޓޮމް ހުށަހަޅުއްވާފައިވާ މައިގަނޑު ވައުދަކީ، ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ގާއިމުކޮށް، އެ ސަރަހައްދުތަކުން އެފްއޭއެމްގެ ނިންމުންތަކުގައި ބައިވެރިވުއެމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މިއީ ދިވެހި ފުޓުބޯޅައިގެ ތަރައްގީ ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފެތުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ޓޮމްގެ ލީޑަރޝިޕް ޓީމުގައި ހިމެނޭ ފަރާތްތަކަށް ބަލާއިރު، ސީނިއަރ ނައިބު ރައީސްގެ މަގާމަށް ހިމަނާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވައިސް ޗެއާމަން އަލީ އިބްރާހީމް (ކައްޕި) އެވެ. ނައިބު ރައީސުންގެ ގޮތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯ ހުސެއިން ޝާފިއު (ކޮކީ) އާއި ނިއު ރޭޑިއަންޓްގެ ބޯޑު މެމްބަރު އަދި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ހިމަނާފައި ވެއެވެ.
އެކްސްކޯ މެމްބަރުންގެ ގޮތުގައި ޓޮމްގެ ޓީމުގައި ހިމަނާފައިވަނީ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރުން ކަމުގައިވާ އިމްރާން މުހައްމަދު އާއި މުހައްމަދު އުމެއިރު، ޓީސީގެ އަހުމަދު އައްބާސް، އޮޑި ސްޕޯޓްސް ކްލަބްގެ އަބްދުﷲ ނާސިހު އަދި ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާން (އައްޔަ) އެވެ. އަންހެން މެމްބަރުންގެ ގޮތުގައި ހައްވާ ނަސްރާ ސައީދު އަދި ހައްވާ ރަޝީދާ ހިމަނާފައި ވެއެވެ.
މިއީ ޓޮމް އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައްވާ ދެވަނަ ފަހަރެވެ. 2016 ވަނަ އަހަރު އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެން ގާތްގަނޑަކަށް ހަތަރު މަސް ދުވަހު ހިދުމަތްކުރުމަށްފަހު، އޭރުގެ އެކްސްކޯގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމުގެ ސަބަބުން އިތުރު އިންތިހާބެއް ބާއްވަން ޖެހުނެވެ. އެ އިންތިހާބުގައި ވާދަކުރު ކާމިޔާބު ހޯއްދެވީ ބައްސާމް އަދީލް ޖަލީލެވެ.
މިހާރު ބާއްވާ އިންތިހާބުގައި ބައްސާމްއަށް ކުރިމަތިނުލެވޭނެކަން ފާހަގަކުރެވެއެވެ. އެއީ މިދިޔަ ޖޫން މަހު ފީފާއިން ކޮރަޕްޝަންގެ ތުހުމަތުގައި ބައްސާމް ނުވަ މަސް ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކޮށްފައިވާތީއެވެ. މީގެ އިތުރުން ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގ ފަދަ ގިނަ މައްސަލަތަކެއް ރާއްޖޭގެ ކޯޓުތަކުގައި ހިނގަމުންދެއެވެ.
އެފްއޭއެމްގެ އިންތިހާބުގެ ގަވާއިދުގައި ބުނާ ގޮތުން، ކުރިމަތިލާ ކެނޑިޑޭޓުން އިންޓެގްރިޓީއާ ގުޅޭ މައްސަލައެއްގައި ފީފާއިން ފިޔަވަޅު އަޅާފައިވާ މީހަކަށް ވެގެން ނުވާނެއެވެ. އަދި މަދަނީ ނުވަތަ ޖިނާއީ ދައުވާއެއް އުފުލިފައިވާނަމަ އެކަމުގެ ތަފްސީލު ހިއްސާ ކުރަން ޖެހެއެވެ.
ދިވެހި ފުޓުބޯޅައިގެ އިސް މަގާމްތަކަށް ލީޑަރޝިޕެއް އައުމަކީ މުހިންމު ކަމެއްކަމަށް ފުޓުބޯޅައިގެ އިސް ފަރާތްތަކުން ފާހަގަކުރާއިރު، ޓޮމްގެ ކެމްޕޭނުން ހުށަހަޅާ ބަދަލުތަކަކީ ދިވެހި ފުޓުބޯޅައަށް ބޭނުންވެފައިވާ ބަދަލުތަކެއްކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.
ކޮމެންޓު ފޮނުވާ