އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މި އަހަރުގެ ތެރޭގައި ކާޑިއޮތޮރެސިކް ސާޖަރީ، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ފަރުވާ އަދި އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ފަދަ މުހިއްމު ހިދުމަތްތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވީ ކާޑިއޮތޮރޭސިކް ސާޖަރީއަކީ ހިތް ފަޅައިގެން ކުރާ އޮޕަރޭޝަން ކަމަށާއި، މި ފަރުވާ ފެށުމުން ފުއްޕާމޭ ފަޅައިގެން އަދި ލޭ ހޮޅިތަކުގެ ސާޖަރީ ވެސް ރާއްޖޭގައި ހެދޭނެ ކަމަށެވެ. މިހާރު އެ ފަރުވާ ރާއްޖޭގައި ނުލިބޭތީ ގިނަ މީހުން ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިންޓަވެންޝަނަލް ރޭޑިއޮލޮޖީއަކީ ރާއްޖެ އަށް މުޅިން އަލަށް ތައާރަފްކުރާ ސްޕެޝަލިޓީއެއް ކަމަށް ވިދާޅުވި ޑރ. ޝާހު ބުނެވަޑައިގަތީ، މި ހިދުމަތް ފެށުމުން ޓެސްޓުތަކުގެ އެހީގައި ބަލިތައް ދެނެގަނެ، ގިނަ ޕްރޮސީޖާތައް ހެދޭނެ ކަމަށާއި، ބަލި ދެނެގަނެވުމާއި ފަރުވާ ވެސް އެކުއެކީގައި ލިބިގެންދާނެ ކަމަށެވެ.
އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ފަރުވާގެ ގޮތުގައި، އެތެރެހަށީގެ ޑޮކްޓަރުންތަކެއްގެ ޓީމެއް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. އުމުރުން ދުވަސްވުމުން އެއް ފަހަރާ ގިނަ ބަލިތަކަކަށް ފަރުވާ ހޯދާތީ، މި ގޮތަށް ހާއްސަ ޓީމެއް ހަދައިގެން އެ އުމުރުގެ މީހުންގެ ބަލިތަކަށް ފަރުވާ ދިނުން އަވަސްވެ، ޖުމްލަ ހައްލެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އައިޖީއެމްއެޗުގައި ކުޑަކުދިންނަށް ހާއްސަ އިމަޖެންސީ ރޫމެއް ހަދަމުން އަންނަ ކަމަށާއި، ޕްރައިވެޓް 15 ރޫމް ހިމެނޭ ގޮތަށް 75 އެނދު އިތުރުކޮށްފައިވާ ކަމަށް ވެސް ޑރ. ޝާހު ވިދާޅުވިއެވެ. އެނދު އިތުރުކުރުމާ އެކު، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ވޯޑުތައް މަރާމާތުކުރުމާއި އެ ތަނުގެ ފިނިހޫނުމިން ރަނގަޅުކޮށް ބަލި މީހުން ބޭނުންކުރާ އެނދުތައް ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ