ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުން ވޯޑަށް ބަދަލުކޮށްފި

ފައިނުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުން ވޯޑަށް ބަދަލުކޮށްފި

Author
ހުސައިން
02 ޖުލައި 2025 04:47
0

ރ. ފައިނުގައި ޖެހިގެން ދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ސައިކަލު އެކްސިޑެންޓެއްގައި އަނިޔާވި ދެ ކުދިންނާއި ޓީޗަރު ވެންޓިލޭޓަރުން ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން މިއަދު ހާމަކޮށްފި އެވެ.

18 އަހަރު ނުފުރޭ ދެ ފިރިހެން ކުދިން ވަރަށް ބާރަށް ސައިކަލު ދުއްވަމުން ދަނިކޮށް، ކަސްރަތު ކުރުމަށް ހިނގަމުން ދިޔަ މީހުންގެ ގައިގައި ޖެހިގެން ހިނގި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އުނގޫފާރު އަތޮޅު ހޮސްޕިޓަލުންނެވެ.

އަނިޔާގެ ކުޑަބޮޑުމިނަށް ބަލައި، އިތުރު ފަރުވާ ބޭނުންވާތީ ދެ ކުދިންނާއި ޓީޗަރު މާލެ ގެނެސް، އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދީފައި ވެއެވެ. ނަމަވެސް އެ ފަރާތްތަކުގެ ހާލު ރަނގަޅުވަމުން އައުމާ ގުޅިގެން މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ.

ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވި ގޮތުގައި، ތިން މީހުން ހާލު ވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، ވޯޑުގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން ފުލުހުން ވަނީ އެކްސިޑެންޓްގައި ބައިވެރިވި ސައިކަލު ހިފަހައްޓައި، މައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ. މައްސަލައިގެ އިތުރު މަޢުލޫމާތު ސާފުވުމުން އާންމުކުރާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.