އިޒްރޭލު 60 ދުވަހަށް ހަމަލާ ހުއްޓާލަން އެއްބަސް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އިޒްރޭލު 60 ދުވަހަށް ހަމަލާ ހުއްޓާލަން އެއްބަސް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

Author
ހުސައިން
02 ޖުލައި 2025 07:38
0

ޣައްޒާގައި 60 ދުވަހުގެ މުއްދަތަކަށް ހަމަލާތައް މެދުކަނޑާލުމަށް އިޒްރޭލުން އެއްބަސްވެފައިވާ ކަމަށާއި، ހަމާސް އިން ވެސް މި ހުށަހެޅުން ގަބޫލުކުރުމަށް އޭނާ އެދިވަޑައިގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ހާމަކުރެއްވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންނަ ހަފުތާގައި އެމެރިކާއަށް ޒިޔާރަތްކުރާން ތައްޔާރުވަމުންދާ ކަމަށާއި، އޭގެ ކުރިން އިޒްރޭލުގެ އޮފިޝަލުންނާއި އޭނާގެ މަންދޫބުންނާ ދެމެދު ހަމަލާތައް ކުޑަވަމުންދާ މައްސަލައާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރިއަށްގޮސްފައިވާ ކަމަށެވެ.

"މަޝްވަރާތަކުގައި އިޒްރޭލުން ޝަރުތުތަކަކާއެކު 60 ދުވަހުގެ މުއްދަތަކަށް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވޭ. އެ މުއްދަތުގައި ދެ ފަރާތުން ވެސް ހަނގުރާމަ ދާއިމީ ގޮތެއްގައި ނިންމާލުމަށް މަސައްކަތްކުރާނެ،" ކަމަށް ޓްރަމްޕް ފާހަގަކުރެއްވި އެވެ.

ހަމަލާތައް ހުއްޓާލުމަށް މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގަތަރާއި މިސްރުގެ މަންދޫބުން، އެންމެ ފަހުގެ ހުށަހެޅުން ހަމާސް އަށް ހުށަހަޅާނެ ކަމަށް ވެސް އެމެރިކާގެ ރައީސް ވިދާޅުވި އެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ "މެދުއިރުމަތީގެ ހާލަތަށް ރިއާޔަތްކޮށް ހަމާސް އިން މި ހުށަހެޅުން ގަބޫލުކުރާނެ ކަމަށް އުންމީދުކުރަން. މިއަށްވުރެ ރަނގަޅު ހުށަހެޅުމެއް ލިބޭނެ ކަމަކަށް ނުފެނޭ. މި ފުރުސަތު ގެއްލިއްޖެނަމަ ނަތީޖާ ވަރަށް ގޯސްވާނެ،" ކަމަށެވެ.

އިއްޔެ ޓްރަމްޕް ހާމަކުރެއްވި ގޮތުގައި މި މަހުގެ 7 ވަނަ ދުވަހު ނަތަންޔާހޫއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު، ހަމަލާތަކާ ގުޅޭ މަޝްވަރާތައް "ވަރަށް ކަނޑައެޅިގެން" ކުރިއަށް ގެންދާނެ އެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއެކު އީރާނަށް ވެސް ހަމަލާދިނުމުން ފެށުނު ހަނގުރާމަ 12 ދުވަހުގެ ފަހުން ނިމުމަކަށް އައުމަކީ، ޓްރަމްޕް ދެކިވަޑައިގަންނަވާ ގޮތުގައި ޣައްޒާގެ ހަމަލާތައް ވެސް ނިންމާލުމަށް ލިބިފައިވާ މުހިންމު ފުރުސަތެކެވެ.

ނަމަވެސް ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ގޮވާލަމުންދާއިރު، އިޒްރޭލުން އަސްކަރީ ހަރަކާތްތައް ފުޅާކޮށް، އާންމުންނަށް ބައެއް ސަރަހައްދުތަކުން ވަކިވުމަށް އަމުރުކުރަމުން ގެންދެ އެވެ. ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނި ގޮތުގައި އިއްޔެ އެކަނި 26 މީހަކު ޝަހީދުކޮށްލައިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.