ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން އިމާރާތްކޮށްފައިވާ 4000 ފްލެޓު ލިބޭ ފަރާތްތަކާ ހަވާލުކުރުމަށް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އެގްރީމަންޓުތަކުގައި ސޮއިކުރަން ފެށޭނެކަމަށް ހައުސިން މިނިސްޓަރު މުއްތަލިބު ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު ކުޑޫ މިއަދު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގައި ފްލެޓުތައް ހަވާލުކުރުން ލަސްވާކަމަށް ފާހަގަކުރައްވާފައިއެވެ. ނަމަވެސް މި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު، ކުޑޫވަނީ އެ މައްސަލަ އެކްސްގައި ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރު މުއްތަލިބު އެކްސްގައި ދެއްވި ޖަވާބުގައި ވިދާޅުވީ، ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށެވެ. މިގޮތުން ފަހިދިރިއުޅުން ކޯޕަރޭޝަނާއި ހައުސިން މިނިސްޓްރީން އެގްރީމަންޓުތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިހާބީ ފަރާތްތަކުން މިފަދަ މައްސަލަތަކުގައި އާންމުންނަށް އޮޅުން އަރާގޮތަށް ވާހަކަ ނުދެއްކެވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ. އަދި ފްލެޓުތައް ދޭނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެރެފައިވާ ދާއިމީ ލިސްޓަށްކަމަށާއި، މި ސަރުކާރުން އިތުރު ދާއިމީ ލިސްޓެއް ނުނެރޭނެކަމަށް ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަށް 20,697 ފޯމު ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓުމަންޓަށް އެދި 6,208 ފޯމާއި، ތިން ކޮޓަރީގެ އެޕާޓުމަންޓަށް އެދި 14,489 ފޯމު ހިމެނެއެވެ. އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1,250 ޔުނިޓާއި ތިން ކޮޓަރީގެ 2,750 ޔުނިޓެވެ.
ކޮމެންޓު ފޮނުވާ