ގދ. ތިނަދޫގައި ދިރިއުޅޭ އާއިލާއެއްގެ އަށް މަހުގެ ފިރިހެން ކުއްޖަކު މިދިޔަ ހުކުރު ދުވަހު ނިޔާވުމާ ގުޅިގެން، އައިޖީއެމްއެޗްގެ އިހުމާލުން ކަމަށް އެ އާއިލާއިން ތުހުމަތުކޮށްފިއެވެ. ޔޫނުސް ހުސެއިން އަބްދުﷲ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުންދަނިކޮށް، ލިވާ ފެއިލްވުމުންނެވެ.
އެ ކުއްޖާގެ އެއްބަނޑުއެއްބަފާ ދައްތަ ޔުނާލް ހުސެއިން ވިދާޅުވި ގޮތުގައި، ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައީ ކެއްސުމާއި ރޯތީ ކަމުގައެވެ. ފުރަތަމަ ދެ ފަހަރު ބޭސް ދިނުމަށްފަހު ގެއަށް ފޮނުވާލި ނަމަވެސް، ހާލަތު ރަނގަޅު ނުވުމުން މި މަހުގެ 20 ވަނަ ދުވަހު ތިން ވަނަ ފަހަރަށް އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުން އެޑްމިޓް ކުރިއެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކުރި ފަހުން ޔޫނުސްގެ ބަނޑު ފުއްޕަން ފެށުމުން އިންޖެކްޝަނެއް ޖެހި ނަމަވެސް، ތިން ދުވަސް ވަންދެން ބަލީގެ ސަބަބު ނޭނގުނު ކަމަށް އާއިލާއިން ބުނެއެވެ. އަންގާރަ ދުވަހު މެޑިކަލް އޮފިސަރަކު ކިޔައިދިނުމުން އެނގުނީ ލިވާގައި ހުންނަން ޖެހޭ އެންޒައިމްގެ މިންވަރު 0.5-55 އާ ދޭތެރޭގައި ހުންނަން ޖެހޭއިރު، ޔޫނުސްގެ ގުނަވަނުގައި 1,000 އިން މަތީގައި ހުރި ކަމެވެ.
އާއިލާގެ ޝަކުވާއަކީ، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު ބެލުމަށް ނުދިޔައުމާއި، ހުރިހާ ފަރުވާއެއް މެޑިކަލް އޮފިސަރުން މެދުވެރިކޮށް ދިން ކަމެވެ. ބުރާސްފަތި ދުވަހުގެ ރޭ އާއިލާއިން އަޑުގަދަކުރުމުން ސްޕެޝަލިސްޓަކު ބެލުމަށް ދިޔައިރު، ލިވާ ހަލާކުވަމުންދާތީ ބޭރަށް ގެންދިއުމަށް ތައްޔާރުވާން އެންގިއެވެ.
ބުދަ ދުވަހު ސްކޭނެއް ހަދަން އެންގި ނަމަވެސް، ބަންދު ދުވަސްތަކާ ދިމާވުމުން އާދިއްތަ ދުވަހުގައި މެނުވީ ނުހެދޭނެ ކަމަށް ނަރުހުން ބުނި ކަމަށް އާއިލާއިން ބުނެއެވެ. އެއީ ކްރިޓިކަލް ޕޭޝަންޓެއް ކަމުގައި ވިޔަސް ސްކޭން ލަސްވިކަމުގެ ޝަކުވާ އާއިލާއިން ކުރެއެވެ.
އާއިލާއިން ބުނެފައިވަނީ، ބޭރަށް ފޮނުވުމަށް ތައްޔާރުވަމުންދަނިކޮށް، އޮކްސިޖަން ޓޭންކް ބޯޓަށް އެރުވުމަށް އާސަންދައިގެ ހުއްދަ ލިބުން ލަސްވި ކަމަށެވެ. އައިސީޔޫގައި ޖާގަ ނެތުމުން އެ ފުރުސަތު ވެސް ނުލިބުނު ކަމަށް އާއިލާއިން ބުނެއެވެ.
އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހުކުރު ދުވަހުގެ ރޭ ކުއްލިއަކަށް އޮކްސިޖަން ދަށްވެ، މެޑިކަލް އޮފިސަރުން ސީޕީއާރު ދޭން ފެށި ކަމަށެވެ. އަދި ޔޫނުސް ނިޔާވި ފަހުން ވެސް ސީޕީއާރު ދެމުން ދިޔައީ ނޭފަތާއި އަނގައިން ލޭ އަންނަންދެން ކަމަށް އާއިލާއިން ބުނެއެވެ. ޔޫނުސް ނިޔާވިތާ 10 މިނެޓް ފަހުން އާސަންދައިން ގުޅައި އޮކްސިޖަން ޓޭންކަށް ހުއްދަ ލިބުނު ކަމަށް އެންގިކަމަށް އާއިލާއިން ބުނެފައި ވެއެވެ.
މަރު ސެޓްފިކެޓުގައި ލިވާ ފެއިލްވުން ކަމަށް ޖަހާފައިވާއިރު، ބަލި ދެނެގަތުމާ މަރުވުމާ ދޭތެރޭ ހަތް ދުވަސް ހޭދަވި ކަމަށް ލިޔެފައިވިޔަސް، ލިވާގެ މައްސަލަ އެނގުނީ ފަހުން ކަމަށް އާއިލާއިން ފާހަގަކުރެއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އިހުމާލުން އަށް މަހުގެ ކުއްޖަކު ނިޔާވި ކަމުގެ ތުހުމަތާ ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ