މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާލެވޭނެ: ޝަފީޢު

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާލެވޭނެ: ޝަފީޢު

Author
ހުސައިން
22 ޖޫން 2025 07:23
0

"ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ސްކޫލުތަކަށް މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ "މަތީ އަރުތަވެރީންގެ އިނާމު 2024″ ދިނުމަށް ބާއްވާ ޖަލްސާގެ ތިންވަނަ ދަންފަޅީގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު މުދައްރިސުންނަށް ފަހި ވެއްޓެއް ގާއިމުކުރުމަށް މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވޭނީ ދަރިވަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއެކު, ހިތްހަމަޖެހޭ ސްކޫލު ވެއްޓެއް ޤާއިމުކޮށްގެން ކަމަށެވެ.

"ހޫނު ގަދަ ވެއްޓެއްގައި ނުކިޔެވޭނެ. ވަރުބަލިވާނެ. ނިދި އަންނާނެ. (ފިލާވަޅަށް) ދޭން ޖެހޭ ސަމާލުކަމެއް ނުދެވޭނެ. އަދި ހަމަ މި ލޮޑުކަން މުދައްރިސުންނަށް ވެސް އަންނާނެ. މިކަން ޙައްލުކުރުމަށްޓަކައި ރާވާލެވިފައިވާ ކޫލް ސްކޫލް ޕްރޮޖެކްޓް މިދަނީ ތަންފީޒުކުރެވެމުން. އަޅުގަނޑުމެންގެ ޓާގެޓަކީ ސެޕްޓެންބަރު ނިމުމުގެ ކުރިން ރާއްޖޭގެ ސްކޫލުތަކަށް ބޭނުންވާ އޭސީތައް ފޯރުކޮށްދީ, މުޅި މި ޕްރޮޖެކްޓް މިއަހަރުގެ ތެރޭގައި ތަންފީޒުކޮށް ނިމިގެން ދިއުން." މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ 2024 އަހަރާ އަޅާ ބަލާއިރު 2025 ވަނަ އަހަރު ތަޢުލީމީ ދާއިރާގެ ބަޖެޓަށް 300 މިލިއަނެއްހާ ރުފިޔާ އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ދަރިވަރުންނަށް ދޭން ޖެހޭ ވަސީލަތްތައް ދެނެގަތުމާއި އެކު ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް ކަމަށްވާ ކޫލް ސްކޫލް ޕްރޮޖެކްޓް, ޓެކްނޮލޮޖީ އިންޓަގްރޭޝަން އަދި މެނިފެސްޓޯގައި ހިމެނޭ ޓީޗަރުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ފަދަ ކަންކަން ތަންފީޒުކުރުމަށް އެކަށީގެންވާ ބަޖެޓެއް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިމަނުއްވާނެ ކަމަށްވިދާޅުވިއެވެ.

"ދަރިވަރެއްގެ ބޮލަކަށް ނިސްބަތުން ޖެހޭ މިންވަރު މަތި ނުކޮށް އަޅުގަނޑުމެންނަށް ތައުލީމީ ފެންވަރު މަތި ނުކުރެވޭނެ. އެހެންވީމަ ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން މިދިޔަ އަހަރުވެސް އެންމެ ރަނގަޅު ބަދަލެއް އައިސްފައިވަނީ ތައުލީމީ ދާއިރާއަށް. އެކަން އެގޮތަށް ކުރިއަށް ދާނެ ކަން ކަށަވަރު" މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ މުދައްރިސުން ތަމްރީންކުރުމުގެ ޚާއްސަ ޤައުމީ ޕްރޮގުރާމެއް ސަރުކާރުން އިފްތިތާޙުކުރެއްވީ މުދައްރިސުން ލިބުމުގައި ހުރި ދަތިތަކަށް ހައްލުމަށް ހޯދުމަށްކަމަށެވެ. މިޕްރޮގުރާމްގެ ތެރެއިން އިނާޔަތެއް ދީގެން ނަމަވެސް މުދައްރިސްކަމަށް ދިވެހިން ހިތްޖެއްސުމަށް މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ތަޢުލީމީ ވަޒީރު ވިދާޅުވީ މަތީ ނަތީޖާ ޙާސިލުކުރާ ދަރިވަރުން އުނގަންނައިދިނުމުގެ ދާއިރާއަށް ނުކުންނަންޖެހޭ ކަމަށެވެ.

ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ އެކަށީގެންވާ އަދަދަށް މުދައްރިސުން ނުލިބުމުން މިވަގުތު ރާއްޖޭގައި މަސައްކަތްކުރަމުންދާ މުދައްރިސުންގެ 4 އިންސައްތައަކީ ޓްރެއިންނުވެ، ބަދަލު ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރާ މުދައްރިސުން ކަމަށެވެ. އެގޮތުން އެންމެ މަދީ ޕްރައިމަރީ ގުރޭޑުތަކަށް ކިޔަވައިދޭ މުދައްރިސުންނާއި ދިވެހި، އިސްލާމްގެ އިތުރުން ޤުރުއާން މާއްދާ ކިޔައިވައިދޭ މުދައްރިސުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގައި ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން %74 އަކީ ދިވެހިން. ބިދޭސީންގެ އިންސައްތައަކީ 22. އަދިވެސް 200 އެއްހާ ޕްރައިމަރީ ޓީޗަރުން ބޭނުންވޭ. އަދި 600 އެއްހާ ސެން ޓީޗަރުން ބޭނުންވޭ." ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.