ފޭކް ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން މުދާ ހޯދައިގެން ޒައިދާން އަނެއްކާވެސް ހައްޔަރު ކޮށްފި

ފޭކް ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން މުދާ ހޯދައިގެން ޒައިދާން އަނެއްކާވެސް ހައްޔަރު ކޮށްފި

Author
ހުސެއިން
22 ޖޫން 2025 01:30
0

ސައްހަ ނޫން ބޭންކް ޓްރާންސްފަރ ސްލިޕްތަކެއް ބޭނުންކޮށްގެން އެކި ފިހާރަތަކުން މުދާ ހޯދި މައްސަލައެއްގައި ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި ބަންގްލަދޭޝް ރައްޔިތެއްކަމުގައިވާ އަފްރިން އަކްތަރު (30އ) ވަނީ މިމަހުގެ 17 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މައުލޫމާތުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ހުޅުމާލޭގެ ވިޔަފާރިއަކަށް ފޮނުވާފައިވާ ފޭކް ޓްރާންސްފަރ ސްލިޕްތަކެއް ބޭނުންކޮށްގެން މުދާ ގަތުމުގެ ޝަކުވާއެއް މެއި 16 ގައި ފުލުހުންނަށް ލިބިފައިވެއެވެ. ތަހުގީގު ކުރިއަށް ގެންދިޔުމުން، މާލޭގެ އިތުރު ދެ ވިޔަފާރިއަކުންވެސް ޒައިދާން ހަމަ އެފަދަ ގޮތަކަށް މަކަރުވެރިކަމާއެކު މުދާ ހޯދާފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ތަހުގީގުގެ ތެރެއިން ހާމަވި ގޮތުގައި، ޒައިދާން ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް މަކަރުވެރި ގޮތުގައި ހޯދާފައިވާ މުދާތައް ވައްދަމުންދާ މަންޒަރު ސީސީޓީވީ ފުޓޭޖުތަކުން ރެކޯޑުވެފައިވެއެވެ. މި އެޕާޓްމަންޓުތައް ފާސްކުރުމުން މައްސަލައާ ގުޅުންހުރި ގިނަ ތަކެތި ފުލުހުންނަށް ފެނިފައިވެއެވެ.

ފުލުހުންގެ ތަފްސީލުތަކުން އެނގޭ ގޮތުގައި، ހުޅުމާލޭގެ ފިހާރައަކުން 36،467 ރުފިޔާގެ މުދާ، މާލޭގެ ފިހާރައަކުން 31،150 ރުފިޔާގެ މުދާ އަދި މާލޭގެ އެހެން ފިހާރައަކުން 5،817 ރުފިޔާގެ މުދާ، ޖުމްލަ 73،434 ރުފިޔާގެ މުދާ ފޭކް ސްލިޕްތައް ބޭނުންކޮށްގެން ހޯދާފައިވާކަން ސާބިތުވެފައިވެއެވެ.

ކޯޓުން ޒައިދާން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އަފްރިން އަކްތަރު 5 ދުވަހަށް ބަންދުކުރުމަށް ނިންމާފައިވެއެވެ.

މީގެ ކުރިން ފުޑީސް އެޕްލިކޭޝަން މެދުވެރިކޮށް ފޭކް ސްލިޕްތައް ބޭނުންކޮށްގެން އޯޑަރުކުރި މައްސަލައެއްގައިވެސް ޒައިދާން ހައްޔަރުކުރެވިފައިވެއެވެ. މިހާރު އޭނާގެ މައްޗަށް މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދި ކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާއިރު، އިތުރު ދެ މައްސަލައެއްގެ ޝަރީއަތް ކޯޓުގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.