އޯލެވެލް ކިޔަވާ ދަރިވަރުންގެ ތެރެއިން ފިރިހެން ދަރިވަރުންގެ ނަތީޖާ އަންހެން ދަރިވަރުންނަށް ވުރެ ދަށްވާ ސަބަބު ދެނެގަތުމަށްޓަކައި، މި އަހަރު ތެރޭގައި ޚާއްސަ އެސެސްމަންޓެއް ހަދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ހާމަކުރެއްވި ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި، އޭލެވެލް ކިޔަވާ ދަރިވަރުންގެ ތެރެއިން އޯލެވެލްއިން ފާސްނުވާ ދަރިވަރުންގެ ނިސްބަތް 54 ޕަސަންޓުގައި ހުރެއެވެ. އޭގެ ތެރެއިން ފިރިހެން ދަރިވަރުން ފާސްވާ ނިސްބަތް ހުރީ 44 ޕަސެންޓުގައި ކަމަށާއި، އަންހެން ދަރިވަރުން ފާސްވާ ނިސްބަތް ހުރީ 56 ޕަސަންޓުގައި ކަމަށް ޝަފީއު ފާހަގަކުރެއްވިއެވެ.
ދެ ޖިންސުގެ ދެމެދުގައި މި ފަރަގު ބޮޑުވަމުން ދިއުމަކީ މުސްތަގުބަލުގައި ގައުމަށް ދިމާވެދާނެ ބޮޑު ގޮންޖެހުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މައްސަލަ ހައްލުނުކޮށް ދޫކޮށްލައިފިނަމަ، ލޭބަރ ފޯސްއަށާއި ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި، މުޅި މުޖުތަމައުގެ ސޮސައިޓީގެ ފެބްރިކަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއިން އެއްވެސް ބަޔަކު ފެއިލްވެގެން ނުވާނެ ކަމަށް ވިދާޅުވެ، މިނިސްޓަރު ގޮވާލެއްވީ މި މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. އެ ގޮތުން މި އަހަރު ތެރޭގައި ރެޕިޑް އެސެސްމަންޓެއް ހަދައި، ފިރިހެން ކުދިންގެ ނަތީޖާ ދަށްވާ ސަބަބުތައް ދެނެގަތުމަށްފަހު، އެކަށީގެންވާ ފިޔަވަޅުތައް އަޅައި، ދެ ޖިންސުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
ގައުމީ ފެންވަރުގައި ތައުލީމީ ދާއިރާއަށް ބަދަލުތަކެއް ގެންނަން ބޭނުންވާނަމަ، ހުރި މައްސަލަތަކުގެ ވާހަކަ ގައުމީ ފެންވަރުގައި ދައްކައި، ހާމަކަންބޮޑު ގޮތެއްގައި މަޝްވަރާ ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިފަދަ މައްސަލަތައް ފޮރުވައިގެން ގޮސްފިނަމަ އެކަށީގެންވާ ހައްލުތަކެއް ނުލިބޭނެ ކަމަށް ޝަފީއު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ތައުލީމީ ދާއިރާއަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށް ފާހަގަކުރައްވައި، މިދިޔަ އަހަރު 'ތައުލީމަށް އިންގިލާބީ ބަދަލު' ގެ ނަމުގައި 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއެކު ބޮޑު މަޝްރޫއެއް ފައްޓަވައިފައިވާ ކަން މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ. މި މަޝްރޫއަކީ ރާއްޖޭގެ ތައުލީމީ ނިޒާމު ރަނގަޅުކޮށް، ހުރިހާ ދަރިވަރުންނަށް ވެސް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.
ކޮމެންޓު ފޮނުވާ