ރާއްޖޭގެ ތަޢުލީމީ ނަތީޖާތައް ކަންބޮޑުވާ ހާލަތެއްގައި ހުރިކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. މަތީ އަރުތަވެރިންނަށް އިނާމު ދިނުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އޯލެވެލް އިމްތިޙާނުގައި ކާމިޔާބު ހާސިލުކުރާ ދަރިވަރުންގެ ތެރެއިން އޭލެވެލްގައި ރަނގަޅު ނަތީޖާ ހާސިލުކުރާ ދަރިވަރުންގެ ނިސްބަތް ވަރަށް ދަށްކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ހާމަކުރެއްވި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2013 އާއި 2014 ވަނަ އަހަރުގެ ނަތީޖާތަކަށް ބަލާއިރު އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ 50 ޕަސެންޓަށްވުރެ ގިނަ ދަރިވަރުން 5 މާއްދާއިން ފާސްވެފައެއް ނުވެއެވެ. މިއީ ތަޢުލީމީ ވުޒާރާއިން ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑު ކަމުގައިވާ 5 މާއްދާއިން ސީ ފާސް ހޯދުމުގެ މިންގަޑަށްވެސް ވާސިލް ނުވާކަމުގެ ހެއްކެކެވެ.
އޭލެވެލް ފެންވަރުގައި ހާލަތު އިތުރަށް ގޯސްވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، 2021-2022 ގައި އޭލެވެލް ނިންމި ދަރިވަރުންނަށް ބަލާއިރު، އޯލެވެލްގައި ޓޮޕް ޓެންގައި ހިމެނުނު 840 އަށްވުރެ ގިނަ ދަރިވަރުންގެ ތެރެއިން 64 ޕަސެންޓް ދަރިވަރުން އޭލެވެލް ކިޔަވަން ފެށިނަމަވެސް، އޭގެ ތެރެއިން އޭލެވެލް ޓޮޕް ޓެންއަށް ވަނީ 36 ޕަސެންޓް ދަރިވަރުން އެކަންޏެވެ.
ސަރުކާރުން އަހަރަކު ތަޢުލީމީ ދާއިރާއަށް 4 ބިލިޔަން ރުފިޔާ ޚަރަދުކުރާއިރުވެސް، މުދައްރިސުންނާއި ބެލެނިވެރިންގެ އެއްބާރުލުމާއެކު ކުރާ މަސައްކަތުން ބޭނުންވާ ނަތީޖާ ހާސިލުނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުން އެކި ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ޚާއްސަ ސަމާލުކަމެއް ދިނުމާއި، ހުރިހާ ސްކޫލްތަކެއްގެ ޕްރިންސިޕަލުންނަށް ލީޑަރޝިޕް ޓްރެއިނިންގ ދިނުމާއި، ކަރިކިއުލަމާއި ކޮންޓެންޓަށް ބޭނުންވާ ބަދަލުތައް ގެނައުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ