ހުޅުމާލޭގައި އެކްސިޑެންޓެއްވެ ފިލި ޒުވާނަކު 6 ދުވަހަށް ބަންދުކޮށްފި

ހުޅުމާލޭގައި އެކްސިޑެންޓެއްވެ ފިލި ޒުވާނަކު 6 ދުވަހަށް ބަންދުކޮށްފި

Author
ހުސެއިން
20 ޖޫން 2025 10:42
0

ހުޅުމާލޭގައި ސައިކަލުން މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއްވެ، މަޑުނުކޮށް ފިލައިގެން ދިޔަ ޒުވާނަކު ފުލުހުން ހޯދައި ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ، މޫންލައިޓްވިލާގޭ މުޙައްމަދު ނާޝިއު، 20، އެވެ.

މި ހާދިސާ ހިނގާފައިވަނީ ޖޫން 16 ވަނަ ދުވަހުގެ މެންދުރުފަހު 2:10 ގައި ހުޅުމާލެ ފޭސް 1 ގައި ޤާއިމުވެފައިވާ އައި.އޯ.އެން ފިހާރަ ކައިރީގައި އޮންނަ ޕެޑެސްޓްރިއަން ކްރޮސިންގ މަތިންނެވެ. މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން އައިޖީއެމް ހޮސްޕިޓަލުގައި މިހާރުވެސް ފަރުވާ ދެމުންދާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުންގެ ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުން އެނގޭގޮތުގައި، ނާޝިއުއަކީ އެކްސިޑެންޓުގައި ބައިވެރިވި ސައިކަލު ދުއްވި މީހާއެވެ. އަދި އޭނާއަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ލިބިފައިނުވާ މީހެއްކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ޖޫން 19 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ނާޝިއު ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނެވެ. ކޯޓުން ނިންމާފައިވަނީ ތަޙުޤީޤު ނިމެންދެން އޭނާ 6 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.