ޚާމެނެއީ އަވަހާރަ ކޮލާނެކަމުގެ އިންޒާރު އިސްރާއީލުން ދީފި

ޚާމެނެއީ އަވަހާރަ ކޮލާނެކަމުގެ އިންޒާރު އިސްރާއީލުން ދީފި

Author
ހުސައިން
19 ޖޫން 2025 08:28
0

އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ ޢަލީ ޚާމެނެއީ އަވަހާރަ ކޮލާނެކަމުގެ އިންޒާރު އިސްރާއީލުން ދީފިއެވެ. އިސްރާއީލްގެ ޑިފެންސް މިނިސްޓަރ ކަޓްޒް ވިދާޅުވީ އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ ޢަލީ ޚާމެނެއީ "ނައްތާލުން" އަކީ ހަނގުރާމައިގެ ލަނޑުދަނޑިތަކުގެ ތެރެއިން އެއް ލަނޑުދަނޑި ކަމުގައެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ، އީރާނުގެ މިސައިލްތަކުން މެދު އަދި ދެކުނު އިސްރާއީލްގެ ހަތަރު ސަރަޙައްދަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވަނިކޮށެވެ. އޭގެ ތެރޭގައި ސޮރޯކާ ހޮސްޕިޓަލް ހިމެނޭ ކަމަށާއި، އިސްރާއީލް ސިފައިން އީރާނުގެ އަރާކް ހެވީ ވޯޓަރ ރިއެކްޓަރަށް ހަމަލާ ދިން ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެފައި ވެއެވެ.

އޭގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އިތުރުވަމުންދާ ދެބައިމީހުންގެ ހަނގުރާމައިގައި އެމެރިކާގެ އަސްކަރީ ދައުރެއް ގެންނާނެތޯ އަދިވެސް ވިސްނަމުންދާ ކަމަށެވެ.

މީގެ ކުރިން، އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ ޢަލީ ޚާމެނެއީ އެމެރިކާއަށް އިންޒާރު ދެއްވައި ވިދާޅުވެފައިވަނީ، އެމެރިކާއިން އީރާނުގެ ސަރަޙައްދަށް އެއްވެސް ހަމަލާއެއް ދީފިނަމަ "ސީރިއަސް އަދި ރަނގަޅު ނުކުރެވޭ ނަތީޖާތައް" ނުކުންނާނެ ކަމަށެވެ.

އިސްރާއީލުން އީރާނަށް ދީފައިވާ ހަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު 240 އަށްވުރެ އިތުރުވެފައިވާ ވާއިރު، އޭގެ ތެރޭގައި 70 އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް އީރާނުން ބުނެފައި ވެއެވެ. އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގައި މަދުވެގެން 24 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.