ހަށިވިއްކުމުގެ ކުށުގެ ތުހުމަތުގައި 34 އަހަރުގެ ތައިލެންޑު އަންހެނަކު ފުލުހުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ހައްޔަރުކުރެވިފައިވާ މީހާއަކީ ތައިލެންޑްގެ ޕޯންނިޕާ ސުޖާއެވެ. ފުލުހުންގެ މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އަންހެނާ ހައްޔަރުކުރިއިރު އޭނާ ހުރީ ބަރަހަނާ ހާލަތެއްގައި އެހެން މީހަކާ އެކުގައެވެ. މީގެ އިތުރުން، ހަށިވިއްކުމާ ގުޅޭ އިތުރު ހެކިތަކެއް ވެސް ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، ޕޯންނިޕާގެ މައްޗަށް ކުރެވޭ ތުހުމަތަކީ އިންތިޒާމުވެގެން ބޮޑު ނެޓްވޯކެއް މެދުވެރިކޮށް ގުޅިގެން ހިންގާ ޖަރީމާތަކެއް ކަމަށް ތަހުގީގުން ދައްކާކަމަށެވެ. މި މައްސަލައާ ގުޅިގެން އިތުރު ތަހުގީގުތައް މިހާރުވެސް ކުރިއަށްދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ޕޯންނިޕާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގައި ތަހުގީގު ކުރިއަށްދާއިރު، ހަށިވިއްކުމުގެ ނެޓްވޯކާ ގުޅުންހުރި އިތުރު ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ