ހުދާ އަލީ ޝަރީފް ޔޫއެންއެސްކެޕްގެ ދާއިމީ މަންދޫބު ކަމުގެ މަގާމާ ހަވާލުވެއްޖެ

ހުދާ އަލީ ޝަރީފް ޔޫއެންއެސްކެޕްގެ ދާއިމީ މަންދޫބު ކަމުގެ މަގާމާ ހަވާލުވެއްޖެ

Author
ހުސައިން
18 ޖޫން 2025 03:07
0

ޔުނައިޓަޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ ދަ އޭޝިއާ އެންޑް ޕެސިފިކް (ޔޫއެންއެސްކެޕް) އަށް ދިވެހިރާއްޖެއިން ހަމަޖައްސަވާފައިވާ ދާއިމީ މަންދޫބު ހުދާ އަލީ ޝަރީފް މިއަދު އެ މަގާމާ ހަވާލުވެއްޖެއެވެ. ތައިލޭންޑުގެ ވެރިރަށް ބެންގްކޮކުގައި ހުންނަ އދ. ގެ ކޮންފަރެންސް ސެންޓަރުގައި ބޭއްވުނު ރަސްމިއްޔާތުގައި އދ ގެ އަންޑާ ސެކްރެޓަރީ ޖެނެރަލް އަދި ޔޫއެންއެސްކެޕްގެ އެގްޒެކެޓިވް ސެކްރެޓަރީ އަރްމިދާ ސަލްސިއާ އަލިސްޖަބާނާ ވަނީ ހުދާ އަށް ފަތްކޮޅު އަރުވާފައެވެ.

މަގާމާ ހަވާލުވުމަށްފަހު ބޭއްވުނު ބައްދަލުވުމުގައި ދާއިމީ މަންދޫބު ހުދާ ވިދާޅުވީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި ސަރުކާރުން އެކި ކަންކަމަށް ދެމުންދާ އިސްކަމެވެ. ޚާއްސަކޮށް ޔޫއެންއެސްކެޕްއާ ގުޅުން ހަރުދަނާކޮށް، އެ ޖަމުއިއްޔާގެ މަސައްކަތްތަކުގައި އިތުރަށް ބައިވެރިވުމަށް ދިވެހި ސަރުކާރުން ބޮޑަށް ބޭނުންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ދިވެހި ސަރުކާރުން ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ފުރިހަމަކުރުމަށް ޔޫއެންއެސްކެޕް އާއެކު ގުޅިގެން މަސައްކަތްކުރާނެކަން ހުދާ ޔަގީންކަން ދެއްވިއެވެ.

އެގްޒެކެޓިވް ސެކްރެޓަރީ އަރްމިދާ ސަލްސިއާ އަލިސްޖަބާނާ ވެސް ދާއިމީ މަންދޫބު ހުދާ އަށް ތަރުހީބުގެ ބަސް ލެއްވިއެވެ. އަދި ދިވެހިރާއްޖެއިން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޔޫއެންއެސްކެޕްގެ ފަރާތުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވިއެވެ.

އޭޝިއާ-ޕެސިފިކް ސަރަހައްދުގެ 53 ގައުމު ހިމެނޭ ޔޫއެންއެސްކެޕްގެ މައިގަނޑު މަސައްކަތަކީ ސަރަހައްދުގައި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމެވެ. އެގޮތުން ގިނަގުނަ ޕްރޮގްރާމްތައް ހިންގައިގެން މެމްބަރު ގައުމުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެއެވެ.

ދިވެހިރާއްޖެ ޔޫއެންއެސްކެޕްގެ މެމްބަރަކަށް ވެފައިވަނީ 1971 ވަނަ އަހަރުއެވެ. ފާހަގަކޮށްލެވޭ ކަމަކީ ހުދާ އަލީ ޝަރީފް އަކީ ރާއްޖެ ޔޫއެންއެސްކެޕްގެ މެމްބަރަކަށް ވީތާ ފަހުން އެ ޖަމުއިއްޔާއަށް ކަނޑައެޅި ފުރަތަމަ ދާއިމީ މަންދޫބެވެ. މީގެ އިތުރުން މިއީ އެކަމަނާ މި މަގާމަށް ހަމަޖެއްސި ދެވަނަ ފަހަރުކަން ވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.