އެމްޑީޕީ ދޫކޮށް ވަކިވެފައިވާ އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެޕާޓީއާ ގުޅުމަށް ނިންމެވުމާ ގުޅިގެން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވިގޮތުގައި މިރޭ ބޭއްވޭ ޖަލްސާއަކީ ނުރަސްމީ ޖަލްސާއެކެވެ. މި ޖަލްސާގެ މައިގަނޑު ބޭނުމަކީ ރައީސް ނަޝީދާއި އޭނާ އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުންނާއެކު ކުރިއަށް މަސައްކަތް ކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް ހިޔާލު ހޯދުމެވެ.
ޑިމޮކްރެޓްސް ޕާޓީގެ ނެޝަނަލް އެސެމްބްލީގައި އިއްޔެ ބޭއްވުނު ބައްދަލުވުމުގައި، އެމްޑީޕީއާ އަލުން ގުޅުމަށް ގަރާރެއް ފާސްކޮށްފައިވެއެވެ. މި ގަރާރު ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 44 މެމްބަރުންގެ ތެރެއިން 35 މެމްބަރުންގެ ވޯޓުންނެވެ. މި ނިންމުމާއެކު ނަޝީދާއި އީވާގެ އިތުރުން ޑިމޮކްރެޓްސްގައި ހިމެނޭ އެހެން މެމްބަރުންވެސް އެމްޑީޕީއާ ގުޅޭނެއެވެ.
އެމްޑީޕީގެ ފާއިތުވި ވެރިކަމުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ރައީސް ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، ނަޝީދަށް ތާއީދުކުރާ ބަޔަކު އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް ޕާޓީ އުފެއްދިއެވެ. އޭގެފަހުން ޑިމޮކްރެޓްސް ޕާޓީން އެމްޑީޕީއަށް ބޮޑެތި ފާޑުކިޔުންތަކެއް ކުރުމުގެ އިތުރުން، އެމްޑީޕީގެ އިސްވެރިންނަށް ތުހުމަތުތަކެއް ކޮށް، ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ އިދިކޮޅަށް މަސައްކަތްތަކެއް ކުރިއެވެ.
ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅުމަށް ނިންމެވީ، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާމެދު ޚިޔާލު ހޯއްދެވުމަށްފަހުއެވެ. މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ނަޝީދު ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާފައި ވަނިކޮށެވެ.
ކޮމެންޓު ފޮނުވާ