ވިލިމާލޭގައި ޤުރުއާން ކިޔަވައިދިނުމުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ބޮޑު މިސްކިތެއް އަޅަނީ

ވިލިމާލޭގައި ޤުރުއާން ކިޔަވައިދިނުމުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ބޮޑު މިސްކިތެއް އަޅަނީ

Author
ހުސައިން
18 ޖޫން 2025 11:25
0

ވިލިމާލޭގައި މަސްޖިދުއްސަލާމް ގާއިމުކޮށްފައިވާ ސަރަޙައްދުގައި އައު ބޮޑު މިސްކިތެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އިސްލާމީ ކަންކަމާބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢަށް ހެޔޮއެދޭ ބައެއް ފަރާތްތަކުން ވަނީ މި މިސްކިތް އެޅުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުމަށްފަހު ދެ އަހަރުދުވަހުގެ މުއްދަތެއްގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

މި އައު މިސްކިތުގައި ހިމެނޭނީ ހަމައެކަނި ނަމާދުކުރުމުގެ ޖާގަ އެކަންޏެއް ނޫން ކަމަށާއި، ޤުރުއާން ކިޔަވައިދިނުމާއި ދީނީ އިލްމު ފެތުރުމަށް ޚާއްޞަ ކްލާސްރޫމްތަކާއި ތަޢުލީމީ ވަސީލަތްތައް ވެސް ޤާއިމުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ވަގުތު މިނިސްޓްރީން މި މަޝްރޫޢަށް ހިނގާނެ ޚަރަދުގެ ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ވެސް އަދި ކަނޑައެޅިފައެއް ނުވެއެވެ.

ވިލިމާލޭގައި މިހާރު ތިން މިސްކިތް ޚިދުމަތްދެމުން އަންނަކަމަށް ފާހަގަކުރެވެއެވެ. އެއީ މަސްޖިދުއްސަލާމްގެ އިތުރުން މަސްޖިދުލް އިޚްލާސް އާއި މަސްޖިދުލް ބިއްރު އެވެ. މި އައު މިސްކިތް އިތުރުވުމުން ވިލިމާލޭގެ ރައްޔިތުންނަށް ދީނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.