އިރާނާއި އެމެރިކާއާ ދެމެދު އޮމާން މެދުވެރިކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ނިއުކްލިއާ މަޝްވަރާތައް ކެންސަލް ކޮށްފައިވާ ކަމަށް އޮމާނުގެ ޚާރިޖީ ވަޒީރު ބަދުރު އަލްބުސައިދީ ހާމަކޮށްފިއެވެ.
މަސްކަޓްގައި އާދީއްތަ ދުވަހު ބޭއްވުމަށް ރާވާފައިވާ މި މުހިންމު ބައްދަލުވުން ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށް އޭނާ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. މި މަޝްވަރާތަކުގައި އޮމާން ފަރާތުން މީޑިއޭޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އައީ ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އައުމަށެވެ.
ބައްދަލުވުން ކެންސަލްކުރި ނަމަވެސް، ޑިޕްލޮމަސީ އާއި މަޝްވަރާތަކަކީ ސުލްހަ ގާއިމުކުރުމަށް އޮތް ހަމައެކަނި މަގު ކަމަށް އޮމާނުގެ ޚާރިޖީ ވަޒީރު ފާހަގަކޮށްފައިވެއެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމަތަކުން ފުރިފައިވާ ސަރަހައްދުގައި ސުލްހައިގެ އުންމީދު ދިރުވައިގަތުމަށް ކުރެވުނު މަސައްކަތެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިރާނުގެ ޚާރިޖީ ވަޒީރު ވެސް ވަނީ މިހާރުގެ ސިޔާސީ މާހައުލުގައި އެމެރިކާއާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ "ހައްގު ނޫން" ކަމެއް ކަމަށް ބުނެ، މަޝްވަރާތަކަށް ހުރަސްއެޅިފައި ވާކަމަށް ވިދާޅުވެފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ފުން ހިޔާލު ތަފާތުވުންތައް ހާމަކޮށްދޭ ކަމެކެވެ.
މި އަހަރުގެ ކުރީކޮޅު އެމެރިކާއިން އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް މަސައްކަތް ފަށާފައިވަނީ، އިރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްގެންނެވެ. ނަމަވެސް މަޝްވަރާތައް އެއްވެސް ނަތީޖާއަކަށް ވާސިލުވުމަކާ ނުލައި ވަނީ ހުއްޓުމަކަށް އައިސްފައެވެ.
އިސްރާއީލުން ދެކޭ ގޮތުގައި އިރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ އެ ގައުމުގެ ސަލާމަތަށް ސީދާ ނުރައްކަލެކެވެ. އިރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ލިބިއްޖެ ނަމަ އެއީ މުޅި ސަރަހައްދުގެ ސްޓެބިލިޓީ އަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމެއް ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.
މި މަޝްވަރާތައް ފަސްކުރުމުން މެދުއިރުމަތީގައި ނިއުކްލިއާ މައްސަލައާ ގުޅޭ ގޮތުން އުފެދިފައިވާ ޚިޔާލުތަފާތުވުންތައް އިތުރަށް ބޮޑުވެ، ސަރަހައްދުގެ ސިޔާސީ ހާލަތު އިތުރަށް ގޯސްވުމުގެ ބިރު ވަނީ އުފެދިފައެއެވެ.
ކޮމެންޓު ފޮނުވާ