ހައްޖުގެ ފަރުޟު އަދާކޮށް އެނބުރި އަންނަ ހައްޖުވެރިންނަށް ޚާއްޞަ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލާއި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ފްލޫ ކްލިނިކްތައް ޤާއިމުކޮށްފައިވާ ކަމަށް ސިއްޙީ ދާއިރާއިން ހާމަކޮށްފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ހައްޖުވެރިންގެ ފްލޫ ކްލިނިކް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި މެންދުރުފަހު 2:00 އިން ރޭގަނޑު 8:00 އާ ދެމެދުގައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މި ޚިދުމަތާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 1417 ނަންބަރަށް ގުޅުމަށް ހޮސްޕިޓަލުން އިރުޝާދު ދެއެވެ.
އައިޖީއެމްއެޗްގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކް ހުންނާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އިން ރޭގަނޑު 10:00 އާ ދެމެދުގައި ހުޅުވިފައެވެ. މި ކްލިނިކަށް ދައްކަން ބޭނުންވާ ފަރާތްތަކުން ފުރަތަމަ ޒިޔާރަތްކުރަންޖެހޭނީ އީމަޖެންސީ ޓްރިއޭޖް ކައުންޓަރަށް ކަމަށާއި، އެތަނުން ކިއުބީ ޓޯކަން ސިސްޓަމް މެދުވެރިކޮށް ޓޯކަން ނަންބަރެއް ނަގައިގެން ފްލޫ ކްލިނިކަށް ނުވަތަ އީމަޖެންސީ ރޫމަށް ދިއުމުގެ އިރުޝާދު ލިބޭނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.
މި ދެ ހޮސްޕިޓަލުންވެސް ފްލޫ ކްލިނިކަށް ޒިޔާރަތްކުރާއިރު މާސްކު އަޅައިގެން ދިއުމަށް ޚާއްޞަކޮށް އިލްތިމާސްކޮށްފައިވެއެވެ.
މިފަހަރުގެ ހައްޖު މޫސުމުގައި އަޅުކަން އަދާކުރި ހައްޖުވެރިން ރާއްޖެ އެނބުރި އަންނަނީ ހަތަރު ފްލައިޓަކުން ކަމަށާއި، ފުރަތަމަ ފްލައިޓް އިއްޔެ ވަނީ އައިސްފައި ކަމަށް މަޢުލޫމާތު ލިބެއެވެ. ދެވަނަ ފްލައިޓް މިއަދު އަންނާނެ ކަމަށާއި، ތިންވަނަ އަދި ހަތަރުވަނަ ފްލައިޓްތައް އަންނާނީ މި މަހުގެ 16 އަދި 17 ވަނަ ދުވަހު ކަމަށް ހަމަޖެހިފައިވެއެވެ.
ހައްޖުވެރިން އެނބުރި އައުމުގެ ވަގުތުތަކުގައި އެއާޕޯޓަށް މަރުޙަބާ ކިޔުމަށް ދާ މީހުންގެ އަދަދު މަދުކުރުމަށާއި، ހައްޖުން އައިސް ބޮޑެތި އެއްވުންތަކުގައި ބައިވެރިނުވެ މަޑުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އާންމުންގެ އަރިހުން އެދިފައެވެ. މިއީ ބަލިތައް ފެތުރުން މަދުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ