އީރާނުގެ އާ އަސްކަރީ ވެރިޔާ: އިޒްރޭލަށް "ނަރަކަ" ދައްކާލާނަން

އީރާނުގެ އާ އަސްކަރީ ވެރިޔާ: އިޒްރޭލަށް "ނަރަކަ" ދައްކާލާނަން

Author
ހުސައިން
13 ޖޫން 2025 10:16
0

އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ވައުގެން ހަމަލާތަކުގެ ބަދަލުގައި، އެގައުމަށް "ނަރަކަ" ދައްކާލާނެ ކަމުގައި، އިޒްރޭލުން އީރާނަށް ދިން ވަރުގަދަ ހަމަލާތަކުގައި އެގައުމުގެ ކޮމާންޑަރ އިން ޗީފް އާއި އެހެނިހެން އިސް އޮފިޝަލުން ޝަހީދުވުމާ ގުޅިގެން، އަސްކަރިއްޔާގެ އެންމެ އިސް މަގާމަށް އައްޔަންކުރި އީރާނުގެ އާ ކޮމާންޑަރ އިން ޗީފް މޭޖަރ ޖެނެރަލް މުހައްމަދު ޕަކްޕޫރު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ ޒަޔަނިސްޓް ޔަހޫދީ ދައުލަތަށް ކުޅި ސަމާ ދައްކައި، "ނަރަކައިގެ ދޮރުތައް" ހުޅުވާލާނެ ކަމަށެވެ.

އާ ކޮމާންޑަރ އިން ޗީފް މަޤާމަށް އައްޔަންވުމާއެކު މޭޖަރ ޖެނެރަލް ޕަކްޕޫރު ދެއްވި މި މެސެޖަކީ އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނޭއީ އަށް ދެއްވާ ޔަޤީންކަމެއްގެ ގޮތުގައި ވާއިރު، އީރާނުގެ ފައުޖުތައް ހަމަލާދިނުމަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ވަނީ ހާމަކުރައްވާފައެވެ.

އިޒްރޭލުގެ ހަމަލާތަކުގައި އީރާނުގެ އިސް އޮފިޝަލުންގެ އިތުރުން ޢާންމު ރައްޔިތުންނާއި ކުޑަކުދިންވެސް ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާތަކާ ގުޅިގެން އީރާނުގެ ރައީސް މަސޫދު ޕެޒެސްކިޔާން ވިދާޅުވީ އީރާނުން ރައްދު ނުދީ މަޑު ނުހުންނާނެ ކަމަށާއި، ރައްދު ވަރަށް ވަރުގަދަ ވާނެ ކަމަށެވެ. އަދި އީރާނަށް ހަމަލާ ދިންކަމުގެ ނަތީޖާ އިޒްރޭލަށް އެހާރުން އިޙްސާސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޕެޒެސްކިޔާން ވަނީ މި ދަތި ދަނޑިވަޅުގައި އީރާނުގެ ހުރިހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް ގޮވާލައްވާފައެވެ. އިޒްރޭލުގެ ހަމަލާތަކަށްފަހު އީރާނުގެ ރައްޔިތުންގެ ރުޅިވެރިކަން ބޮޑުވަމުން ދާއިރު، އެތައް ހާސް ބަޔަކު ތެހެރާންގެ މަގުތަކަށް ނުކުމެ، އިޒްރޭލަށް ރައްދު ހަމަލާ އަވަސްކުރުމަށް ގޮވާލަމުން ދެއެވެ.

އީރާނުން ރައްދު ހަމަލާ ނުދެވި އުޅެނިކޮށް އިޒްރޭލުން ވަނީ އިތުރު ހަމަލާތަކެއް ދީފައެވެ. އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ތަބްރީޒް އާއި ތެހެރާނަށް އިތުރު ހަމަލާތައް ދީފައިވާ ކަމަށާއި، ތަބްރީޒަށް ދިން ހަމަލާގައި 18 މީހަކު ޝަހީދުވެފައިވާ ކަމަށް ބުނެއެވެ.

މި ހާލަތާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރެއަށް ވަނީ ތާވަލުކޮށްފައެވެ. ނަމަވެސް މި ބައްދަލުވުމުގައި ހަމަލާތައް ކުށްވެރިކުރުން ފިޔަވައި މާބޮޑު ފިޔަވަޅެއް އެޅޭނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ނުދެކެއެވެ. ސަބަބަކީ އެމެރިކާ ހިމެނޭ މި ކައުންސިލުގައި އިޒްރޭލު ކުށްވެރިކުރާ އެއްވެސް ޤަރާރެއް ފާސްވިޔަސް އެމެރިކާއިން ވީޓޯ ބޭނުންކޮށްގެން އެކަން ހުއްޓުވާނެތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.