ހައްޖުގެ އަޅުކަން އަދާކޮށް ރާއްޖެ އެނބުރި އަންނަ ހައްޖުވެރިން މަރުޙަބާ ކިޔުމަށް އެއާޕޯޓަށް ދާ މީހުންގެ އަދަދު މަދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގޮވާލައިފިއެވެ. މިއީ ހައްޖު މޫސުމާ ގުޅިގެން ހުމާ ރޯގާތައް ފެތުރުމުގެ ނުރައްކާ ކުޑަކުރުމަށް އަޅާ ފިޔަވަޅެކެވެ.
މިއަހަރު 1000 އަށްވުރެ ގިނަ ދިވެހިން ހައްޖަށް ގޮސްފައިވާއިރު، އަންނަ ހުކުރު ދުވަހުން ފެށިގެން ހައްޖުވެރިން ރާއްޖެ އެނބުރި އަންނަން ފަށާނެއެވެ. ހައްޖު މޫސުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަން ގިނަ މީހުން އެއްތަނަކަށް އެއްވުމުގެ ސަބަބުން ހުމާ ރޯގާތައް ފެތުރުމުގެ ފުރުސަތު ބޮޑުކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.
ރޭ ޕީއެސްއެމް ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ މުހައްމަދު ހަމްޒަތު ވިދާޅުވީ، ހައްޖުން އެނބުރި އަންނަ މީހުން ރޯގާ ޖެހިފައިވާނަމަ މާސްކު އަޅައިގެން އައުމަށެވެ. އަދި ރާއްޖެ އައިސް 14 ދުވަހުގެ ތެރޭގައި ހުމާ، ކެއްސުން، ނޭވާ ދަތިވުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ ވަގުތުން ޞިއްޙީ މަރުކަޒަކަށް ދިއުމަށް އިލްތިމާސްކުރެއްވިއެވެ.
މި ޕްރޮގްރާމުގައި ޓްރީޓޮޕްގެ އެސިސްޓެންޓް މެޑިކަލް ޑިރެކްޓަރު، ކޮންސަލްޓެންޓް ފެމިލީ މެޑިސިން، ޑރ. އިބްރާހީމް އިޔާޒު ނަސޭހަތްތެރިވީ، ހައްޖުވެރިން އެނބުރި އައުމަށްފަހު މަދުވެގެން ދެ ހަފުތާ ވަންދެން ބޮޑެތި އެއްވުންތައް ބޭއްވުމުން ދުރުހެލިވުމަށެވެ. ޚާއްޞަގޮތެއްގައި ފުރަތަމަ ހަފުތާގައި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ބަލިމީހުން ގެނެސްގެން އެއްވުންތައް ބޭއްވުމަކީ ނުރައްކާތެރިކަމެއްކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.
ރޯގާގެ އަލާމާތްތައް ހުރި މީހުން މާސްކު އެޅިނަމަވެސް މީހުން ގިނަ ތަންތަނަށް ނުދިއުމަށާއި، ކުދިންގެ ކިބައިން ރޯގާގެ އަލާމާތްތައް ފެނިއްޖެނަމަ ސްކޫލަށް ނުފޮނުވުމަށްވެސް ޑރ. އިޔާޒު އިލްތިމާސްކުރެއްވިއެވެ. މިއީ ރޯގާ އިތުރަށް ފެތުރުން ހުއްޓުވުމަށް ވަރަށް މުހިންމު ފިޔަވަޅުތަކެއްކަމަށް ވިދާޅުވިއެވެ.
އެޗްޕީއޭގެ މަޢުލޫމާތުތަކުން ދައްކާގޮތުގައި މިއަހަރުގެ ތެރޭގައި އިންފުލުއެންޒާ، އާރުއެސްވީ އަދި ކޮވިޑް-19 ފަދަ ހުމާ ރޯގާތައް ވަނީ އާންމުވެފައެވެ. ހައްޖު މޫސުމާ ގުޅިގެން މި ރޯގާތައް އިތުރަށް ފެތުރުމުގެ ނުރައްކާ އޮތްކަމުން، ޞިއްޙީ އިދާރާތަކުން ވަނީ ރައްޔިތުންނަށް ސަމާލުވުމަށް ނަސޭހަތްތެރިވެފައެވެ.
ކޮމެންޓު ފޮނުވާ