ސައުދީ އަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ ތައުފީގް އެފް އަލް ރާބިއާ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ސައުދީ ރަސްގެފާނު ކިންގް ސަލްމާން ބިން އަބްދުލްއަޒީޒްގެ ޚާއްޞަ ދައުވަތަކަށް ރައީސް މުއިއްޒު މިއަހަރުގެ ޙައްޖުގެ މުޤައްދަސް އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މުހިންމު ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ މާތްވެގެންވާ ދެ ޙަރަމުގެ ޚާދިމު ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދް އާއި ވަލީޢަހުދު ކަމުގައިވާ ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖެއިން މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާއަށް ލިބިފައިވާ ބޮޑު ލުއިފަސޭހަތަކުގެ ވާހަކަ ރައީސް މުއިއްޒު ވަނީ ޚާއްޞަކޮށް ފާހަގަކުރައްވާފައެވެ. އަދި މިއަހަރުގެ ޙައްޖުގެ މުބާރަކު އަޅުކަމުގައި ސައުދީ ސަރުކާރުން ދިވެހި ޙާޖީންނަށް ދެއްވާ އާދަޔާ ޚިލާފު މަތީ ފެންވަރުގެ މެހެމާންދާރީއަށް ވެސް ރައީސް ވަނީ ތަޢުރީފު ކުރައްވާފައެވެ.
މި ޚާއްޞަ ބައްދަލުވުމުގައި ރައީސް މުއިއްޒުގެ އަރިހުގައި އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ޢަލީ ސަޢީދު އާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދުގައި އޮތް ދީނީ އަދި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވުނު މުހިންމު ބައްދަލުވުމެކެވެ.
ކޮމެންޓު ފޮނުވާ