ލ. ގަމުގެ ލިންކު ރޯޑުގައި ރޭ ހިނގި އެކްސިޑެންޓެއްގައި ސައިކަލެއްގައި ދަތުރުކުރި ދެ މީހަކަށް އަނިޔާވެ، އޭގެ ތެރެއިން އެކަކު ސާޖަރީއަށް މާލެ ގެނެސްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ 7:00 ހާއިރު، އުތުރުން ދެކުނަށް ދުއްވަމުން ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލުގައި ދަތުރުކުރި ދެ ފިރިހެނުންނަށެވެ.
ލ. ގަމު ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު މައުލުމާތު ދީފައިވާ ގޮތުގައި، އަނިޔާ ލިބުނު މީހުންގެ ތެރެއިން 48 އަހަރުގެ ފިރިހެނަކަށް ބޯ ފަޅައިގެން ގޮސް ފައިގައި ފްރެކްޗާއެއް ހުރި ކަމަށެވެ. އޭނާއަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ސީޓީ ސްކޭން ހަދައި ސިކުނޑިއަށް އަނިޔާއެއް ނުލިބޭކަން ކަށަވަރުކޮށް، ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފަ އެވެ.
44 އަހަރުގެ ދެވަނަ ފިރިހެނާއަށް ލިބުނު އަނިޔާ ބޮޑުކަމުން، އޭނާގެ ކޮނޑުހުޅާ ދިމާލުން ބިންދައިގެން ގޮސްފައިވާތީ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ. އޭނާ ވަނީ އެއާ އެމްބިއުލާންސްގައި މާލެ ފޮނުވާލައިފަ އެވެ.
"އަނިޔާ ލިބުނު ދެ މީހުންގެ ވެސް ހާލު މިހާރު ވަނީ ސްޓޭބަލް ކޮށްފައި،" ހޮސްޕިޓަލްގެ އޮފިޝަލު ވިދާޅުވި އެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލަށާއި ކާރަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވެ އެވެ.
ކޮމެންޓު ފޮނުވާ