މިދިޔަ މެއި މަހުގެ ކަރަންޓު ބިލްތައް ބޮޑުކަމަށް ދައްކަނީ ކުރިން ޑިސްކައުންޓް ދީފައިވާ ބިލްތަކާ އަޅާކިޔާތީ ކަމަށް ސްޓެލްކޯ އިން ބުނެފިވެއެވެ.
އަލަށް ކަނޑައެޅި ކުޑަ ޓެރިފް ރޭޓުން ބިލްތައް ހެދުމުން ވެސް އަގު ބޮޑު ކަމަށް ބުނެ، ބިލްތަކުގެ ސްކްރީންޝޮޓް ސޯޝަލް މީޑިއާގައި އާންމުކޮށް ބައެއް މީހުން ފާޑުކިޔަން ފެށުމުން ސްޓެލްކޯ އިން މި ވާހަކަ ބުނެފައިވަނީ އެވެ. އާންމުންގެ ބައެއް މީހުން މިދިޔަ ތިން މަހުގެ ބިލްތައް އަޅާކިޔައި ޝަކުވާކުރަމުން ދާއިރު، މިދިޔަ މަހު ކަރަންޓު ބޭނުންކުރި މިންވަރު ދަށްވެފައި ހުންނަ ބިލްތައް ވެސް ކުރީގެ މަސްތަކުގެ ބިލަށް ވުރެ ބޮޑުވީ ކީއްވެތޯ ސުވާލުކޮށްފައިވެއެވެ.
ސްޓެލްކޯގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގިނަ މީހުން ސޯޝަލް މީޑިއާގައި އަޅާކިޔާފައި ހުރި ދެ ބިލަކީ ވެސް ޑިސްކައުންޓް ދީފައި ހުރި ބިލްތަކެކެވެ. ރޯދަ މަހަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށް ވުމާއި، މިދިޔަ މާޗް އަދި އޭޕްރީލް މަހަކީ ހޫނު ގަދަވުމުން ކަރަންޓު ބޭނުންކުރުން އިތުރުވާ މަސްތަކަކަށް ވާތީ، ސަރުކާރުން ވަނީ އެ މަސްތަކުގެ ބިލްތަކުން ޑިސްކައުންޓް ދީފައެވެ.
"ގިނަ މީހުން ސޯޝަލް މީޑިއާގައި ކޮމްޕެއާ ކޮށްފައި ހުރީ މިދިޔަ ދެ މަހުގެ ބިލާ. އެއީ ޑިސްކައުންޓެޑް ބިލެއް. އެހެންވީމާ އަސްލު އިންނާނީ ޑިސްކައުންޓް އެމައުންޓް ފެންނަން ވެސް. ބޭނުންކޮށްފައި ހުރި ޔުނިޓަށް ބެލީމާ އަސްލު އެނގޭނެ ޑިފަރެންސް،" އޭނާ ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، މިދިޔަ މަހު ވެސް ހޫނު ގަދަވުމުން ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެދާނެއެވެ. އަދި އެ ދެ މަހު ކަރަންޓު ބޭނުންކުރި އަދަދާއި މިދިޔަ މަހު ކަރަންޓު ބޭނުންކުރި އަދަދު ބެލުމުން ވެސް އެއީ ޑިސްކައުންޓް ދީފައިވާ ބިލެއްކަން އެނގޭނެ ކަމަށް ވެސް ބުންޏެވެ.
ކަރަންޓު އިގްތިސާދު ކުރުމަށް އެދި ސްޓެލްކޯ އިން ލަފާދީފައިވަނީ، ކަރަންޓު މީޓަރުގެ މައްސަލައެއް އުޅޭތޯ ޔަގީން ކުރުމަށެވެ. މިގޮތުން ހުރިހާ ކަރަންޓު ސާމާނެއް ނިއްވާލުމަށްފަހު، ކަރަންޓު މީޓަރު ހިނގާތޯ ބެލުމަށް ބުނެފައިވެއެވެ. ކަރަންޓު ކަނޑާލުމުން ވެސް މީޓަރު ހިނގާ ނަމަ އެއީ މީޓަރުގެ މައްސަލައެއް އުޅޭ ކަމުގެ ނިޝާނެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މޭ މަހުގެ 30 ގައި އަންގަވައިފައިވާ ގޮތުގެ މަތިން، ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ތަންތަނުގެ ޑޮމެސްޓިކް ކެޓަގަރީގެ ކަރަންޓު ޓެރިފް ރޭޓުތައް މި މަހުގެ 1 އިން ފެށިގެން ދަށްކޮށްފައިވެއެވެ. ސްޓެލްކޯ އިން ބުނި ގޮތުގައި، ރައީސްގެ ނިންމެވުމާ އެއްގޮތަށް މިދިޔަ މޭ މަހުގެ ކަރަންޓު ބިލްތައް ތައްޔާރު ކޮށްފައިވަނީ އަގު ހެޔޮކޮށްފައިވާ ޓެރިފް ރޭޓްގައެވެ.
ކަރަންޓަށް ބިލް ކުރާއިރު ބޭންޑުތަކަށް ބަހާލައިގެން ބިލް ކުރާކަން ފާހަގަކޮށް، މަދުން ކަރަންޓު ބޭނުންކުރާ ނަމަ ދަށް ރޭޓްތަކުން ބިލްކުރާ ގޮތަށް މި ބޭންޑުތައް ހަދާފައިވާކަމަށް ސްޓެލްކޯ އިން ބުނެއެވެ. ބޭނުންކުރާ ކަރަންޓުގެ މިންވަރު އިތުރުވުމުން އަގު ބޮޑު ރޭޓްތަކުގެ ބޭންޑުން ބިލްކުރާނެ ކަމަށާއި، މިގޮތަށް ހެދުމުގެ ބޭނުމަކީ ފޯރުންތެރިކަން ކުޑަ ގޭބިސީތަކަށް ދަށް ރޭޓެއްގައި ބިލްކުރުމުގެ ފުރުސަތު ބޮޑުކުރުމާއި މަދުން ކަރަންޓު ބޭނުންކުރުމަށް ހިތްވަރު ދިނުން ކަމަށް ވެސް ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ