ރައީސް މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް އަގުހެޔޮ ރޭޓުގައި ތައްޔާރުކޮށްފި

ރައީސް މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް އަގުހެޔޮ ރޭޓުގައި ތައްޔާރުކޮށްފި

Author
ހުސައިން
03 ޖޫން 2025 08:04
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖޫން 1 ން ފެށިގެން ގޭބިސީތަކުގެ ކަރަންޓު އަގު ކުޑަކުރުމަށް ނިންމެވުމާ ގުޅިގެން، ފާއިތުވި މެއި މަހުގެ ކަރަންޓު ބިލްތައް އަގުހެޔޮކޮށްފައިވާ އައު ރޭޓުތަކުގައި ތައްޔާރުކޮށްފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް މެއި މަހުގެ ބިލްތަކުގައި އަގުހެޔޮ ރޭޓުތައް ބޭނުންކޮށްފައިވާތީ، ރައްޔިތުންނަށް ކަރަންޓު ބިލަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ފޮނުވާ ހުރިހާ ބިލްތަކެއް ތައްޔާރުކުރާނީ މި އައު ރޭޓުތަކުގައި ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވެއެވެ.

ގޭބިސީތަކުގެ ކަރަންޓު އަގު ކުޑަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި އައު ރޭޓުތަކުގެ ތަފްސީލު ތިރީގައި އެވަނީއެވެ. 100 ޔުނިޓާ ހަމައަށް ބޭނުންކުރާނަމަ މިހާރު ނަގާ 1.50 ރުފިޔާގެ ބަދަލުގައި 1.25 ރުފިޔާ ނެގުމަށާއި، 101 އިން 200 ޔުނިޓާ ދެމެދު ބޭނުންކުރާނަމަ 1.70 ރުފިޔާގެ ބަދަލުގައި 1.50 ރުފިޔާ ނެގުމަށެވެ.

201 އިން 400 ޔުނިޓާ ދެމެދުގެ ބޭންޑުތަކުގައި ވަރަށް ބޮޑު ކުޑަކުރުމެއް ގެނެސްފައިވެއެވެ. 201-300 ޔުނިޓު ބޭނުންކުރާ ފަރާތްތަކުން މިހާރު ދައްކާ 2.15 ރުފިޔާގެ ބަދަލުގައި 1.50 ރުފިޔާ ދައްކާނެއެވެ. 301-400 ޔުނިޓު ބޭނުންކުރާ ފަރާތްތަކުން 2.50 ރުފިޔާގެ ބަދަލުގައި 1.50 ރުފިޔާ ދައްކާނެއެވެ.

401 އިން 500 ޔުނިޓު ބޭނުންކުރާ ފަރާތްތަކުން މިހާރު ދައްކާ 2.95 ރުފިޔާގެ ބަދަލުގައި 2.66 ރުފިޔާ ދައްކާނެއެވެ. 501 އިން 600 ޔުނިޓު ބޭނުންކުރާނަމަ 3.55 ރުފިޔާގެ ބަދަލުގައި 3.20 ރުފިޔާ ދައްކާނެއެވެ. 600 ޔުނިޓަށްވުރެ ގިނައިން ބޭނުންކުރާ ފަރާތްތަކުން 4.25 ރުފިޔާގެ ބަދަލުގައި 3.83 ރުފިޔާ ދައްކާނެއެވެ.

ދިވެހިރާއްޖޭގައި ކަރަންޓު ބިލް ކުރާ ނިޒާމުގައި، ބޭނުންކުރާ މިންވަރަށް ބަލައިގެން ތަފާތު ބޭންޑުތަކުގައި ތަފާތު އަގުތަކެއް ނަގައެވެ. ކަރަންޓު ބިލް ބޮޑުވުމަކީ ރައްޔިތުން ދިގު މުއްދަތެއްވަންތަނަށް ޝަކުވާ އުފުލަމުން އައި ކަމެކެވެ. މި ފަހަރު ގެނެވުނު ބަދަލުތަކުން، ޚާއްސަކޮށް މެދު ފަންތީގެ ގޭބިސީތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.