ނެދަލެންޑްސްގެ ފުޑް ސޭފްޓީ އޮތޯރިޓީ (އެންވީޑަބްލިއުއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ މަޝްހޫރު ކެންޑީ ބްރޭންޑް ހަރިބޯގެ ބައެއް އުފެއްދުންތަކުން ކެނަބިސްގެ އަސަރު ފާހަގަކުރެވިފައިވެއެވެ. މި ކަންބޮޑުވާ ހާދިސާ ފާހަގަކުރެވިފައިވަނީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ކަމުދާ މި ކެންޑީތަކުގެ ފަތާތު ތިން ވައްތަރަކުންނެވެ.
ތަޙްޤީޤުތަކުން ދައްކާ ގޮތުގައި، ކެނަބިސް ހިމެނިފައިވަނީ ހަރިބޯ ހެޕީ ކޯލާ އެފްޒެޑްގެ 1 ކިލޯގްރާމްގެ ބޮޑެތި ޕެކެޓްތަކުގައެވެ. މި ޕްރޮޑަކްޓްތައް ކާން ބޭނުންކުރި ބައެއް ކަސްޓަމަރުން ޝަކުވާ ހުށަހެޅިއިރު، އެމީހުންނަށް ނުވަތަ އެމީހުންގެ ދަރިންނަށް ބޯ އެނބުރުން ފަދަ ޞިއްޙީ މައްސަލަތައް ދިމާވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ލެބޯޓްރީ ޓެސްޓްތަކުން މި ޕްރޮޑަކްޓްތަކުގައި ކެނަބިސް ހިމެނޭކަން ޔަޤީންވުމާ ގުޅިގެން، ހަރިބޯ ކުންފުނިން ވަގުތުން ފިޔަވަޅު އަޅައި، ނެދަލެންޑްސް މާކެޓުގައި ހުރި ހުރިހާ ސްޓޮކެއް އަނބުރާ ގެންދިއުމަށް ނިންމާފައި ވެއެވެ. ކުންފުނީގެ ތަރުޖަމާނު ހާމަކުރި ގޮތުގައި، މިއީ ނުހަނު ސީރިއަސް ހާދިސާއެއް ކަމަށް ބަލައި، އެކަމާ ހިތާމަކުރާ ކަމަށް ބުނެފައިވެއެވެ.
ކުންފުނިން ޔަޤީންކަން ދީފައިވާ ގޮތުގައި، މި މައްސަލަ ދިމާވެފައިވަނީ ހަމައެކަނި ނެދަލެންޑްސްގެ މާކެޓުގައި ކަމަށާއި، ޔޫރަޕާއި ދުނިޔޭގެ އެހެން ޤައުމުތަކުގެ މާކެޓުތަކަށް މިކަމުގެ ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.
މިހާރު ކުރިއަށްދާ ތަޙްޤީޤުތަކުގެ މުހިންމު ބައެއް ކަމުގައިވަނީ، ކެނަބިސް ހިމެނޭ މި ޕްރޮޑަކްޓްތަކަކީ އަސްލު ހަރިބޯ ފެކްޓްރީތަކުން އުފައްދާފައިވާ އެއްޗެއްތޯ ނުވަތަ ކޮންޓަރފީޓް ނުވަތަ ނަކަލު ޕްރޮޑަކްޓްތަކެއްތޯ ބެލުމެވެ. ސެކިއުރިޓީ އިދާރާތަކާއި ފުލުހުން ގުޅިގެން މި މައްސަލަ ބަލަމުން އަންނައިރު، ޕްރޮޑަކްޓްތަކުގައި ކެނަބިސް ހިމެނުނު ގޮތް ހޯދުމަށް މަސައްކަތް ކުރަމުންދެއެވެ.
ކޮމެންޓު ފޮނުވާ