ނ. ވެލިދޫގައި 300 އަހަރު ވެފައިވާ ތާރީޚީ ނިކަގަހުގެ ބޮޑު ގޮފިގަނޑެއް މިއަދު އައި ބާރު ކޮޅިގަނޑެއްގައި ވެއްޓި، ރަށުގެ އެންމެ މުހިންމު ތަރިކައަކަށް ބޮޑު ގެއްލުމެއް ލިބިއްޖެއެވެ.
ވެލިދޫ ކައުންސިލުގެ ރައީސް އާތިފް ހުސެއިން ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ގަހުގެ ގޮފިގަނޑު ވެއްޓުނުއިރު، ރަށުގެ ވޮލީ ކޯޓުގެ ޓާފަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެއެވެ. ރަށުގެ ތާރީޚީ ގަހަށް މިފަދަ ގެއްލުމެއް ލިބުމުން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށް އާތިފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ހެރިޓޭޖް މިނިސްޓްރީއަށް މި ހާދިސާގެ މަޢުލޫމާތު ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވެލިދޫ ބޮޑުނިކަގަހަކީ ރަށުގެ އެންމެ ޒަމާންވީ އާސާރީ ތަރިކައެއް ކަމަށް ވާއިރު، މި ހާދިސާއާ ގުޅިގެން ރަށުގެ ރައްޔިތުން ސޯޝަލް މީޑިއާގައި އެކި ޕޯސްޓްތައް ކުރަމުން ގެންދެއެވެ. ރައްޔިތަކު ފާހަގަކުރި ގޮތުގައި، މި ގަހަކީ ދަތުރުވެރިންނާއި ފަތުރުވެރިންނަށް ވެލިދޫ ދުރުން ފެންނަ "ސަމުގާ" އެއް ކަމަށާއި، ރަށުގެ ވަރަށް މުހިންމު ތަރިކައެއް ކަމަށް ބުނެފައިވެއެވެ.
މި ގަހުގެ ތާރީޚީ އަހަންމިއްޔަތު ފާހަގަކުރަމުން އެ ރައްޔިތު ބުނި ގޮތުގައި، ޒަމާނުއްސުރެ ވެލިދޫގެ ވެރިން ރައްޔިތުންނަށް މުހިންމު އެންގުންތައް އަންގަމުން ގެންދިޔައީ މި ގަސްދޮށުގައި ކަމަށާއި، ނަސޭހަތްތައް ދެއްވުމަށް ވެސް މި ތަން ބޭނުންކުރައްވާ ކަމަށެވެ. މީގެ އިތުރުން، ބަށި މުބާރާތްތަކާއި ނެޓްބޯޅަ މުބާރާތްތައް ފަދަ ރަށުގެ އިޖްތިމާޢީ ހަރަކާތްތައް ބާއްވަމުން ގެންދިޔައީ ވެސް މި ގަސްދޮށުގައި ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ތާރީޚީ ގަހުގެ ގޮފިގަނޑު ވެއްޓުމުން ވެލިދޫގެ ރައްޔިތުން ވަރަށް ބޮޑަށް ހިތާމަކުރާ ކަމާއި، ރަށުގެ އެންމެ މުހިންމު ތަރިކައަކަށް ލިބުނު ގެއްލުމެއް ކަމުގައި ދެކޭކަން ކަން އެނގެއެވެ.
ކޮމެންޓު ފޮނުވާ