ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންނަށް ލުއި ދިނުމުގެ ޕްރޮގްރާމުގެ ދަށުން އިލެކްޓްރޯނިކް ޓެގް އެޅުވުމަށްފަހު ދެ މީހަކު މިނިވަން ކޮށްފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފި އެވެ.
ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ މީހުން ދޫކޮށްލާފައިވަނީ އިއްޔެއެވެ. އަދި އިތުރު ފަސް މީހެއްގެ ބަންދުން ލުއި ދިނުމާ ބެހޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ބޭއްވޭނެ ކަމަށް ވެސް އެ އޮފީހުން ބުނެފައި ވެއެވެ.
ވާނުވާ ބަންދުގައި ތިބި މީހުންނަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ކޯޓުން ކަނޑައަޅާ ޝަރުތުތަކާއެކު ބަންދަށް ލުއި ދިނުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ޕީޖީ އޮފީހުން ފުރަތަމަ ފަހަރަށް ހާމަކުރީ މި މަހުގެ 21 ވަނަ ދުވަހު އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ރިޔާސީ ވައުދެއް ތަންފީޛުކުރުމުގެ ގޮތުން ފެށިގެން ދާ މަސައްކަތެކެވެ.
ޕީޖީ އޮފީހުން ވިދާޅުވި ގޮތުގައި، ބަންދަށް ލުއި ދެވޭނީ ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ބަލައި، އެ މީހުން މުޖުތަމައަށް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ނުވާނެ ކަމަށް ފެންނަ ފަރާތްތަކަށް އެކަންޏެވެ. މި އެސެސްމަންޓްތައް ލިބޭ މިންވަރަކުން ބަންދަށް ލުއި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ބަންދަށް ލުއި ދެވޭނީ އިލެކްޓްރޯނިކް ޓެގް އެޅުވުމުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވޭނެ ކަމަށް ބެލެވޭ ކުށްތަކުގެ ތުހުމަތުގައި ތިބި މީހުންނަށް ކަމަށާއި، ބައެއް ބާވަތްތަކުގެ ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނަށް މި ނިޒާމުގެ ތެރެއިން ލުއި ނުދެވޭނެ ކަމަށް ޕީޖީ އޮފީހުން ހާމަކުރި އެވެ.
ލުއި ނުދެވޭނެ ކުށްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތައް ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ރިމާންޑު ޖަލުތަކުގައި ޖާގައިގެ ދަތިކަން ހުރި މިންވަރަށް ބަލާއިރު، މި ޕްރޮގްރާމުގެ ސަބަބުން ޖަލުތަކުގެ ޖާގައިގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބި، ބަންދުގައި ތިބި މީހުންނަށް ލިބިދޭ ޚިދުމަތްތައް ރަނގަޅުވާނެ ކަމަށް ޕީޖީ އޮފީހުން އުންމީދުކުރެ އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، އެ އޮފީހުގެ މަޤްޞަދަކީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް ޖާމިއު އަދި ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
ކޮމެންޓު ފޮނުވާ