ދެ ގާނޫނީ ވަކީލެއްގެ ވަކީލު ކަމުގެ ހުއްދަ ހިފަހައްޓައިފި

ދެ ގާނޫނީ ވަކީލެއްގެ ވަކީލު ކަމުގެ ހުއްދަ ހިފަހައްޓައިފި

Author
ހުސައިން
28 މެއި 2025 08:42
0

ގާނޫނީ ވަކީލުންނާއި ޕަބްލިކް ނޯޓަރީންގެ އިތުބާރާ ގުޅޭ މުހިންމު މައްސަލައެއްގައި ބާ ކައުންސިލުން ކުއްލި ފިޔަވަޅެއް އަޅާއިފިއެވެ. މި މައްސަލާގައި ހިމެނެނީ ގާނޫނީ ވަކީލު ޒުންނަވާރު ސަލީމާއި އޭނާގެ އަނބިމީހާ މެހެނާޒް ހުސައިން އެވެ.

ބާ ކައުންސިލުން ރޭ ބޭއްވި ކުއްލި ޖަލްސާއެއްގައި ނިންމާފައިވަނީ، ޒުންނަވާރު ސަލީމްގެ ވަކީލުކަމުގެ ހުއްދަ 15 މަސްދުވަހަށާއި މެހެނާޒް ހުސައިންގެ ހުއްދަ 12 މަސްދުވަހަށް ހިފެހެއްޓުމަށެވެ. މި ނިންމުން ނިންމީ 2021 ވަނަ އަހަރު ހިނގި މައްސަލައަކާ ގުޅިގެންނެވެ.

ބާ ކައުންސިލުން ހާމަކުރި މައުލޫމާތުގައި ވާގޮތުން، އެއްބަސްވުމެއް ނޯޓަރައިޒްކުރުމުގައި މެހެނާޒް ހުސައިންގެ ޕަބްލިކް ނޯޓަރީ ސިއްކަ ބޭނުންކޮށްގެން ޒުންނަވާރު ސަލީމް ސޮއިކޮށްފައިވެ އެވެ. މިއީ ޕަބްލިކް ނޯޓަރީގެ ގަވާއިދުތަކާ ހިލާފު އަމަލެކެވެ.

މި މައްސަލާގައި އެ ދެމަފިރިންނަށް މީގެ ކުރިން 100،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅާފައިވެ އެވެ. އެއީ މެހެނާޒްގެ ޕަބްލިކް ނޯޓަރީ ހުއްދައިގެ ދަށުން ޒުންނަވާރު ނޯޓަރައިޒްކުރުމުގެ ޚިދުމަތް ދިންކަމަށް ސާބިތުވުމުންނެވެ.

ބާ ކައުންސިލުން ފާހަގަކޮށްފައިވަނީ، މިފަދަ އަމަލުތަކުން ޕަބްލިކް ނޯޓަރީ ނިޒާމުގެ ސައްހަކަމާމެދު އާންމުންގެ ތެރޭގައި ސުވާލު އުފެދިދާނެކަމަށެވެ. އަދި ގާނޫނީ ފަންނުގެ ޝަރަފާއި ކަރާމާތް ގެއްލި، ގާނޫނީ ޚިދުމަތްތަކާމެދު އާންމުންގެ އިތުބާރު ކުޑަވެދާނެކަމަށް ވެސް ބާ ކައުންސިލުން އިޝާރާތްކޮށްފައިވެ އެވެ.

ޒުންނަވާރު ސަލީމަކީ މީގެ ކުރިން ވެސް ގާނޫނީ މައްސަލަތަކުގައި ހިމެނިފައިވާ ފަރާތެކެވެ. ގާނޫނީ ވަކީލަކަށް ވުމަށްޓަކައި ސައްހަ ނޫން ބެޗްލާސް ޑިގްރީ ސެޓިފިކެޓެއް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ހުށަހެޅި މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، ޖޫރިމަނާ ކުރެވިފައިވެ އެވެ. އެ މައްސަލާގެ ފަހުން ސައްހަ ތައުލީމީ ސެޓިފިކެޓެއް ހާސިލުކޮށްގެން، އޭނާ އައީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

މި ފަހުގެ މައްސަލާގައި ބާ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކުން ފާހަގަކުރެވެނީ، ގާނޫނީ ފަންނުގެ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމާއި، އާންމުންގެ އިތުބާރު ދެމެހެއްޓުމަށް ބާ ކައުންސިލުން ދޭ އިސްކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.