މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލް ބަންދުން ދޫކޮށްލުމަށް ނިންމީ، އޭނާގެ މައްޗަށް ކުރެވިދާނެ ހުކުމަށްވުރެ ބަންދުގައި ހޭދަކުރި މުއްދަތު ދިގުވެދާނެ ކަމަށް ބެލެވޭތީ ކަމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
21 އަހަރުގެ ރައުދު ރޭ ދަންވަރު ބަންދުން ދޫކޮށްލެވުނީ، މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ދިން އިރުޝާދާ އެއްގޮތަށް ކަމަށް ފުލުހުން ބުންޏެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި، ބަންދުގައި ހުރި މުއްދަތު އޭނާގެ މައްޗަށް ކުރެވިދާނެ ހުކުމަށްވުރެ ދިގުވެދާނެ ކަމަށް ފެންނާތީ، އާންމުކޮށް އަމަލުކުރާ އުސޫލާ އެއްގޮތަށް ބަންދުން ދޫކޮށްލުމަށް ނިންމީއެވެ.
ރައުދުގެ މައްޗަށް ބޮޑު އަދަބެއް ލިބޭފަދަ ދައުވާއެއް ކުރެވޭނެ ކަމަށް ނުފެންނަ ކަމަށް މި ނިންމުމުން ދޭހަވާއިރު، މަސްތުވާތަކެތި ބޭނުންކުރި ކަމަށް އިއުތިރާފުވެއްޖެނަމަ ފަރުވާގެ ފުރުޞަތު ލިބޭނެ ގޮތަށް މައްސަލަ ޑްރަގް ކޯޓަށް ފޮނުވާނެއެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ހައްޔަރުކުރި ރައުދުގެ ބަންދުގެ މުއްދަތު ހަ ފަހަރު މަތިން އިތުރުކޮށްފައިވެއެވެ. ފުރަތަމަ ފަސް ދުވަހަށް، ދެން 10 ދުވަހަށް، އޭގެ ފަހުން ފަސް ދުވަހަށް އަދި އެންމެ ފަހުން 20 ދުވަހަށް ބަންދުކުރިއެވެ. މި މަހު 15 ގައި ކްރިމިނަލް ކޯޓުން ނެރުނު 20 ދުވަހުގެ ބަންދު އަމުރުގެ މުއްދަތު އަންނަ މަހުގެ 3 ވަނަ ދުވަހު ހަމަވާއިރު، މި މަހު 22 ގައި އޭނާ ދޫކޮށްލެވުނެވެ.
ރައުދު ދޫކޮށްލީ ފުރަތަމަ ހައްޔަރުކުރިއިރު ފުލުހުން އިޖުރާއަތާ ޚިލާފަށް އަމަލުކޮށްފައިވާތީ، އެކަން އިސްލާހުކުރުމަށް ޕީޖީ އޮފީހުން ލަފާދިނުމާ ގުޅިގެންނެވެ. ނަމަވެސް ދޫކޮށްލިތާ ގަޑިއިރުތަކެއް ފަހުން ކްރިމިނަލް ކޯޓުގެ އަލަށް ނެރުނު އަމުރެއްގެ ދަށުން އަނެއްކާވެސް ހައްޔަރުކުރެވި، ފަސް ދުވަހުގެ ބަންދަށް ގެންދެވުނެވެ. އެ މުއްދަތު މިއަދު ހަމަވާނެއެވެ.
ރައުދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައެއްގައި، ފުރަތަމަ ބަންދުކުރުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ގޯސް މާއްދާއަކާ ހަވާލާދީފައިވާ ކަމަށް ބުނެފައިވެއެވެ. ދައުލަތުން ވެސް އިޖުރާއީ ގޯސް ހެދިފައިވާ ކަމަށް އެއްބަސްވިއެވެ. ރައުދު ބަންދުން ދޫކޮށްލުމާއެކު، ހައިކޯޓުގައި ހުށަހެޅި މައްސަލަ ބާޠިލްކޮށްދިނުމަށް އެދިފައިވެއެވެ.
ފުލުހުން ރައުދުގެ މައްޗަށް ތުހުމަތުކުރަނީ ޔުމްނު ވެއްޓުމުގައި ބައިވެރިވުން އޮތް ކަމަށާއި، ހާދިސާ ހިނގި ވަގުތު މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުން ހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުގައެވެ. ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާއެކު އުޅުނު މީހާ ކަމަށް ބުނެވެއެވެ. އެ ރޭ އެ ދެމީހުން ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެއަށް ގޮސް، ފަހުން ހ. ކަށިވެއްޔަށް ވެސް ވަދެފައިވެއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ކުރިން ވިދާޅުވި ގޮތުގައި، ރައުދަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ ހޮނިހިރު ދުވަހު ފުލުހުން އެ މައްސަލަ ފޮނުވުމުން، މައްސަލަ ބަލައިގަނެ، ޤާނޫނުގައިވާ 15 ދުވަސްތެރޭ ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ބުންޏެވެ.
ކޮމެންޓު ފޮނުވާ