ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިފައި ވަނިކޮށް، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާހަކަ ދެއްކެވި ކަމަށް ރާއްޖެއެމްވީ ނޫހުގައި ޝާއިއުކުރި ޚަބަރަކީ ހަގީގަތާ ޚިލާފު ދޮގު ވާހަކައެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެއެވެ.
އެ ނޫހުގައި ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. މި ޝަކުވާ ހުށަހެޅިފައިވަނީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމާ ގުޅިގެން، މުއުތަސިމް އަދުނާނު ރައީސް ނަޝީދަށް ގުޅުއްވާފައިވާ ކަމަށް ތުހުމަތުކޮށްގެން ކަމަށެވެ.
ރިޕޯޓުގައި ބުނެފައިވަނީ، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ހުށަހެޅުއްވި މެންބަރުކަން ގެއްލުމުގެ އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގެ ރަޖިސްޓްރަރ ބަލައިނުގަތުމަށް ނިންމެވުމުން، އެ ނިންމުން އުއްތަމަ ފަނޑިޔާރަށް އެންގެވުމަށްފަހު، އެމަނިކުފާނު ރައީސް ނަޝީދަށް ފޯނުކުރެއްވި ކަމަށެވެ.
މައްސަލަ ބަލައިގަންނަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް، ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނި ކަމަށް ރިޕޯޓުގައި ވެއެވެ. މީގެ އިތުރުން، މި ކަން އެނގުމުން ބަންޑާރަ ނައިބު އަޙްމަދު އުޝާމް ނުރުހުންތެރިކަން ފާޅުކުރައްވާ ވާހަކަފުޅު ދެއްކެވި ކަމަށް ވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.
މި ޚަބަރާ ގުޅިގެން ރައީސް ނަޝީދުގެ އޮފީހުން ރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މުއުތަސިމް އަދުނާނަކީ އެމަނިކުފާނުގެ ނަޒާހަތްތެރިކަމާ ގުޅޭގޮތުން އެއްވެސް ދުވަހަކު ސުވާލެއް އުފެދިފައިނުވާ ބޭފުޅެއް ކަމަށެވެ. ބަޔާނުގައި ފާހަގަކުރައްވާފައިވަނީ، އެމަނިކުފާނު އުއްތަމަ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވިފައި ވަނީވެސް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަގާމުގެ ޒިންމާތައް އަދާކުރައްވާނެ ބޭފުޅެއް ކަމަށް ފުރިހަމަ ޔަގީންކަން އޮތުމުން ކަމަށެވެ.
ނޫހުގައި ޝާއިއުކުރި ވާހަކަތަކުގެ "ފުރަތަމަ އަކުރުން ފެށިގެން އެންމެ ފަހު އަކުރާ ހަމައަށް ހުރިހާ ވާހަކަތަކަކީ ސާފު ދޮގު" ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު މިވަގުތު ވަނީ މަގާމުން ވަކިވެ، ޕެންޝަނަށް ދިއުމަށް އެދިވަޑައިގަންނަވާފައެވެ.
ކޮމެންޓު ފޮނުވާ