ހުޅުމާލެ ހޮސްޕިޓަލް ހުރި ބިމުގައި 250 އެނދުގެ އާ ހޮސްޕިޓަލް އިމާރާތެއް އަޅަނީ

ހުޅުމާލެ ހޮސްޕިޓަލް ހުރި ބިމުގައި 250 އެނދުގެ އާ ހޮސްޕިޓަލް އިމާރާތެއް އަޅަނީ

Author
ޙަސަން މުޙައްމަދު
26 މެއި 2025 08:17
0

ހުޅުމާލެ ހޮސްޕިޓަލް ހުރި ބިމުގައި 250 އެނދުގެ އާ ހޮސްޕިޓަލް އިމާރާތެއް ގާއިމްކުރުމަށް ދުރުރާސްތާ ޕްލޭންގެ ދަށުން މަސައްކަތް ކުރިއަށްދާކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ހާމަކުރައްވައިފިއެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގުވުމެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި އާކުރި 14 އެނދުގެ ޒަމާނީ އެމަރޖެންސީ ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ، ހޮސްޕިޓަލްތަކުގައި ސިއްހީ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްތައް ނުކެނޑި ކުރިއަށްދާކަމަށެވެ. މިގޮތުން މިއަހަރު ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު ތަރައްގީތަކެއް ގެނައުމަށް ރޭވިފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

މިއަހަރު މިނިވަން ދުވަހާ ދިމާކޮށް 30 އެނދުގެ ޑައިލިސިސް ސެންޓަރެއްގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ހަލީމް ހާމަކުރެއްވިއެވެ. މި ސެންޓަރުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، މިއީ ކިޑްނީ ބަލިމީހުންނަށް ބޭނުންވާ ޚިދުމަތެއްކަމުން މުހިންމު ކުރިއެރުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ހޮސްޕިޓަލަށް ދިމާވެފައިވާ އެނދުގެ ދަތިކަން ލުއިކުރުމަށްޓަކައި، މިހާރު ޚިދުމަތްދޭ އިމާރާތުގައި 28 އެނދުގެ އިތުރު ވޯޑެއް ގާއިމްކުރުމުގެ މަސައްކަތް ފެށުމަށް ރޭވިފައިވާކަމަށްވެސް ހަލީމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ޚިދުމަތް ފޯރުކޮށްދޭނެ މެންޓަލް ހެލްތު ސެންޓަރެއް މިއަހަރު ތެރޭގައި ގާއިމްކުރުމުގެ މަސައްކަތް ފެށުމަށްވެސް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ހޮސްޕިޓަލެއްކަމަށާއި، މި ހޮސްޕިޓަލުގެ ޚިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަމަށް ހަލީމް ވިދާޅުވިއެވެ. އާ އިމާރާތާއެކު ހޮސްޕިޓަލުގެ ޚިދުމަތް ބޮޑަށް ފުޅާވެ، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެކަމަށް އުންމީދުކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.