ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާއިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފިއެވެ. މިއީ މިދިޔަ އޭޕްރީލް 18 ގައި ހ. ފެންޓެނޯއީގޭގެ 9 ވަނަ ފްލޯގެ ކުޑަދޮރަކުން ގ. ރަނައުރާގެއާގެ ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތައް ލިބުނު މައްސަލައެވެ.
ޕީޖީ އޮފީހުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ފުލުހުންގެ ފަރާތުން މި މައްސަލަ ލިބުނުކަން ޔަގީންކޮށްދީފައެވެ. އެ އޮފީހުން ބުނި ގޮތުގައި 15 ދުވަހުގެ ތެރޭގައި ދައުވާކުރުމާމެދު ގޮތެއް ނިންމާނެއެވެ.
ރައުދު އަހްމަދު ޒިލާލް ފުރަތަމަ ހައްޔަރުކުރީ އޭޕްރީލް 24 ގައެވެ. އޭގެ ފަހުން މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ފުރިހަމަކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުން ދޫކޮށްލިނަމަވެސް، ހަމަ އެދުވަހުގެ ހަވީރު އަލުން ހައްޔަރުކޮށްފައިވެއެވެ. ފުލުހުން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުން މިމަހުގެ 23 ގައި ރައުދު 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މީގެ ކުރިން ރައުދު ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، މިމަހުގެ 22 ގައި ދޫކޮށްލާފައިވާކަން ފާހަގަކުރެވެއެވެ.
ރައުދު ފުރަތަމަ ހައްޔަރުކުރި ފަހުން ކްރިމިނަލް ކޯޓުން ހަތަރު ފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވެއެވެ. އޭޕްރީލް 25 ގައި 5 ދުވަސް، އޭޕްރީލް 30 ގައި 10 ދުވަސް، މެއި 10 ގައި 5 ދުވަސް އަދި މެއި 15 ގައި 20 ދުވަސް ދީފައިވެއެވެ.
ލިބިފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އެދުނުއިރު، ޔުމްނު ވެއްޓުމުގައި ބައިވެރިވި ކަމުގެ ތުހުމަތާއި، ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރި ކަމުގެ ތުހުމަތާއި، ޖިންސީ ބޭނުން ހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ކޮށްފައިވެއެވެ.
ހާދިސާ ހިނގިތާ 6 ދުވަސް ފަހުން، އާންމުންގެ ފާޑުކިޔުން ބޮޑުވުމާ ގުޅިގެން އޭޕްރީލް 24 ގެ ރޭ ރައުދު ހައްޔަރުކުރިއެވެ. ޔުމްނު ވެއްޓުނު ދުވަހު ފުލުހުން ރައުދު ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކޮށް ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނަގާފައިވެއެވެ. އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިނަމަވެސް އެދުވަހު ދޫކޮށްލާފައިވެއެވެ.
ފުލުހުންގެ މައުލޫމާތުން އެނގޭގޮތުގައި އޭޕްރީލް 17 ގެ ރޭ މެންދަމުގެ ވަގުތެއްގައި މާލޭގެ ދެ ގެއެއްގައި ޔުމްނާއި ރައުދު ހިމެނޭ 9 މީހުން މަސްތުވާތަކެއްޗާއެކު ޕާޓީކޮށްފައިވެއެވެ. ޔުމްނުގެ ހަށިގަނޑުން ނެގި ސާމްޕަލްވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވެއެވެ.
ޕާޓީގައި ބައިވެރިވި އެހެން މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސާމްޕަލް ނެގުމަށް އެދުމުން އިންކާރުކުރުމުން، އެމީހުންގެ ސާމްޕަލް ނުނަގާ ދޫކޮށްލާފައިވެއެވެ. ނަމަވެސް ފުލުހުން ބުނީ މައްސަލައިގައި ހިމެނޭ އެންމެން އަލުން ދެނެގަނެ ތަހުގީގު ކުރަމުންދާކަމަށާއި އެމީހުން ފުރުން މަނާކޮށްފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ