ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް މަރުތޭލުން ހަމަލާދިން ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި 7 މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
މި މައްސަލާގައި ތުހުމަތު ކުރެވުނު މީހުންނަކީ ތ. ގާދިއްފުށި، ޝަމާލް ހުސައިން (21އ) އާއި، އދ. މާމިގިލި، ޒަޔާން ނަސީރު (23އ) އާއި، ތ. ދިޔަމިގިލި، އަބާން އަބްދުއްހަންނާން (23އ) އާއި، ލ. މާމެންދޫ، ރަޖުވާން ލަތީފް (22އ) އާއި، ރ. އަލިފުށި، މިދުހަލު އާދަމް (24އ) އާއި، ލ. ގަން، މުހައްމަދު ޖަޒްލާން (22އ) އާއި، ކ. މާލެ، އަހްމަދު މައިސާން ހާޝިމް (20އ) އެވެ.
ދައުލަތުން އެ މީހުންގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު ހަތިޔާރެއް ގެންގުޅެ، ގަސްދުގައި މީހަކު މަރާލަން މަސައްކަތް ކުރި ކަމުގެ ދައުވާއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އެ 7 މީހުންގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށެވެ.
ކޯޓުން ކުށް ސާބިތުނުވާ ކަމަށް ނިންމި ސަބަބު
ކްރިމިނަލް ކޯޓުން ނިންމި ގޮތުގައި، ތުހުމަތު ކުރެވުނު މީހުންގެ މައްޗަށް ކުށް ސާބިތުނުވީ ދައުލަތުން ހުށަހެޅި ސީސީޓީވީ ފުޓޭޖްގައި ފެންނަ ގަޑިއާއި ހާދިސާ ހިނގި ގަޑި ތަފާތުވާތީއެވެ. މިއީ ހެކި ސާބިތުކުރުމުގައި ދިމާވި މައިގަނޑު މައްސަލަ ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލެއް ބައެއް މީޑިއާތަކަށް ދެއްކެވި މަޢުލޫމާތުގައި، މި ހުކުމް އިސްތިއުނާފް ކުރަން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އިސްތިއުނާފަށް ދެވޭ މުއްދަތު ހަމަވާނީ އަންނަ ހޯމަ ދުވަހު ކަމަށާއި، އެ ދުވަހުގެ ކުރިން ހައިކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
ޝަމީމަށް ދިން ހަމަލާގެ ތަފްސީލު
މި ހާދިސާ ހިނގީ މިއަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހު، ޝަމީމް ދަރިފުޅު ސްކޫލަށް ގެންދިޔުމަށްފަހު ގެއަށް އެނބުރި ވަޑައިގަންނަވަނިކޮށް، އޭނާގެ ގޭ ދޮރާށިގައެވެ. ސައިކަލެއްގައި އައި ދެ މީހަކު ޝަމީމަށް މަރުތޭލުން ހަމަލާދިން ކަމަށް ރިޕޯޓު ވެފައިވެއެވެ.
އެ ހަމަލާގައި ޝަމީމްގެ ވައަތުގެ އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލާފައިވާ ކަމަށް ވެއެވެ. ލިބުނު އަނިޔާތަކަށް ޝަމީމަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެވުނެވެ.
މި މައްސަލަ އިސްތިއުނާފް ކުރުމަށް ޕީޖީ އޮފީހުން ނިންމުމުން، ހައިކޯޓުގައި މައްސަލަ ބެލުމަށްފަހު ކޯޓުން ނިންމާނެ ގޮތެއް ސާފުވާނެއެވެ.
ކޮމެންޓު ފޮނުވާ