އެމްޑީޕީ ހަރުގެއާއި އެ ސަރަހައްދުގެ ބައެއް ގެތަކަށް ކަރަންޓު ދޭ ކަރަންޓު ކޭބަލް ބުރިކުރި މައްސަލައިގައި 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

އެމްޑީޕީ ހަރުގެއާއި އެ ސަރަހައްދުގެ ބައެއް ގެތަކަށް ކަރަންޓު ދޭ ކަރަންޓު ކޭބަލް ބުރިކުރި މައްސަލައިގައި 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

Author
ހުސައިން
23 މެއި 2025 11:04
0

މާލޭގެ ޗާނދަނީމަގުގައި ހުރި އެމްޑީޕީ ހަރުގެ އާއި އެ ސަރަހައްދުގެ ބައެއް ގެތަކަށް ކަރަންޓު ފޯރުކޮށްދޭ ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ކަނޑާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ، ނަސީމީވިލާ، އިސްމާއިލް ސަމީމް (29 އ.) އެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ސްޓެލްކޯގެ ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލްގެ ކޭބަލްތަކަށް ގެއްލުން ދިނުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި 7 ގެއަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ކަރަންޓު އަލުން ގުޅައިދިނުމުގެ މަސައްކަތް ކުރިއަށްދޭ

މި ހާދިސާއާ ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، އެމްޑީޕީ ހަރުގެ އާއި އެ ސަރަހައްދުގެ ގެތަކަށް ކަރަންޓު ކެނޑިފައިވާތީ، މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އެހެންނަމަވެސް ކަރަންޓު އަލުން ގުޅައިދެވޭނެ ވަގުތެއް މިހާތަނަށް ކަނޑައެޅިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާ ހިނގާފައިވަނީ އެމްޑީޕީން މިރޭ ހަރުގެއިން ކުއްލި އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުންދިޔަ ވަގުތެއްގަ އެވެ. އެހެންކަމުން މިއީ އެ އެއްވުމާ ގުޅުވައިގެން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ކަރަންޓު ކޭބަލްތައް ކަނޑައިގެން ވަގަށް ނެގުމަކީ ރާއްޖޭގައި އާންމުކޮށް ދިމާވާ މައްސަލައެކެވެ. މިފަދަ ޢަމަލުތައް ހިންގަނީ ކޭބަލްގައި ހުންނަ ލޮ ވިއްކާލައިގެން ފައިސާ ހޯދުމުގެ ބޭނުމުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.