ދިވެހިރާއްޖޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ކެޓަގަރީން އެއްވަނަ މަގާމު ސްޓެލްކޯ އިން ހޯދާފައިފިއެވެ.
ފާއިތުވި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އިނާމު ދިނުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ. މި ހަފްލާގައި ސްޓޭލްކޯއަށް ލިބުނު އިނާމު ބަލައިގަތީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ.
ސްޓެލްކޯ އިން މި މަގާމު ހޯދުމަށް ހުށަހެޅީ "ރީޖަނަލް ސްކާޑާ" ސިސްޓަމެވެ. މި ސިސްޓަމަކީ އެ ކުންފުނިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްތަކުގައި ކަރަންޓު އުފެއްދުމާއި ބެހޭ މަޢުލޫމާތު ބެލެހެއްޓުމަށް ޚާއްޞަކޮށް ތައްޔާރުކުރެވިފައިވާ ޓެކްނޮލޮޖީއެކެވެ.
ސްޓެލްކޯގެ މަޢުލޫމާތުގައިވާ ގޮތުން މި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކަރަންޓު ކެނޑުން ކުޑަކުރެވޭނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ކަރަންޓުގެ ބޭނުން އިތުރުވާނެ މިންވަރު ރަނގަޅަށް އަންދާޒާކުރެވޭނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އުފެއްދުންތެރިކަމުގެ މަޢުރަޒު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އާންމުންނަށް މަޢުރަޒު ޒިޔާރަތްކުރުމުގެ ފުރުޞަތު މިރޭ 8:30 ގައި ހުޅުވާލެވޭނެ އެވެ.
އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ގުޅިގެން އިންތިޒާމުކޮށްގެން ބާއްވާ މި މަޢުރަޒަކީ ދިވެހި އުފެއްދުންތެރިންގެ ހުނަރާއި ގާބިލުކަން ދައްކުވައިދޭ މުހިންމު ހަރަކާތެކެވެ.
ކޮމެންޓު ފޮނުވާ