އިނގިރޭސިވިލާތުގެ ޑިވެލޮޕްމަންޓް މިނިސްޓަރ ޖެނީ ޗެޕްމަން ވަނީ ގާޒާ ސަރަހައްދަށް ހަތަރު މިލިއަން ޕައުންޑު (5.4 މިލިއަން އެމެރިކާ ޑޮލަރު) އިންސާނީ އެހީގެ ގޮތުގައި ދިނުމުގެ ނިންމުން އިއްޔެ އަންގާރަ ދުވަހު ހާމަކުރައްވައިފިއެވެ.
އިސްރާއީލާއި ފަލަސްތީނުގެ ސަރަހައްދުތަކަށް ކުރައްވާފައިވާ ދަތުރުފުޅަށް ފަހު މިނިސްޓަރ ޗެޕްމަން ވަނީ މިކަން އިޢުލާނުކުރައްވައިފައެވެ. އޭނާ ފާހަގަކުރައްވާފައިވަނީ އިސްރާއީލުން ގާޒާއަށް އިންސާނީ އެހީ ވަނުން ހުއްޓުވައިފައިވާކަމާއި، މިކަމަކީ އިސްރާއީލުގެ "ބޮޑު ފެއިލިވުމެއް" ކަމުގައެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޗެޕްމަން ވިދާޅުވެފައިވަނީ، ގާޒާގެ ފަލަސްތީނު ރައްޔިތުންނަށް ހިތްދަތިކަން ދީ އެ މީހުން ހާލުގައި ޖައްސަން އުޅޭ ހިނދު އެއީ އިސްރާއީލަށް ރަނގަޅު ރައްކާތެރިކަން ލިބޭނެ ކަމެއް ނޫންކަމުގައެވެ. އިނގިރޭސި ސަރުކާރުން އަންގާރަ ދުވަހު ހާމަކުރެއްވީ އިސްރާއީލާ ދެމެދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފްރީ ޓްރޭޑް މަޝްވަރާތައް ހުއްޓާލަން ނިންމާފައިވާކަމުގައެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ މެދުވެރިކޮށް ގާޒާއަށް މި އިންސާނީ އެހީގެ ޕެކޭޖު ފޯރުކޮށްދެވޭނެކަމަށް އިނގިރޭސި ސަރުކާރުން އޮފިޝަލު ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ