އެހެން ސަރަޙައްދެއް ހަމަޖެހެންދެން ހުޅުމާލޭ ފަޅުން ސަފާރީތައް ނަގަން އެންގުން މަޑުޖައްސާލުމަށް އެދިއްޖެ

އެހެން ސަރަޙައްދެއް ހަމަޖެހެންދެން ހުޅުމާލޭ ފަޅުން ސަފާރީތައް ނަގަން އެންގުން މަޑުޖައްސާލުމަށް އެދިއްޖެ

Author
ހުސައިން
21 މެއި 2025 09:14
0

ހުޅުމާލޭ ފަޅުގައި މިހާރު އަޅާފައިވާ ސަފާރީތައް ނަގަން އެޗްޑީސީން އަންގާފައިވުމާއެކު، ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

އެޗްޑީސީން ކުރިޔަށްގެންދާ ހުޅުމާލޭގެ ބިން ހިއްކުމުގެ މަޝްރޫޢަށް ހުރަސްއެޅޭތީ މި ސަފާރީތައް ނެގުމަށް އަންގާފައިވާއިރު، އެންބީއޭއެމްގެ ބަޔާނުގައި ވަނީ ސަފާރީތައް އަޅާނެ ރައްކާތެރި އެހެން ތަނެއް ހަމަޖައްސައިދިނުމެއް ނެތި މި އުޅަނދުތައް ނެގުމަށް އެންގުމަކީ އެ އުޅަނދުތަކަށާއި އޭގައި މަސައްކަތްކުރާ ފަރާތްތަކަށް ނުރައްކާތެރިވެދާނެ ކަމެއްކަމަށެވެ.

"މިހާރު މޫސުން ގޯސްވެ، ބޮޑު ހުޅަނގު ގަދަވަމުންދާ ދަނޑިވަޅެއްގައި ސަފާރީތައް އެހެން ތަންތަނަށް ބަދަލުކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިކަމުގެ ސަބަބުން އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެއިން އާމްދަނީ ހޯދާ ގިނަ ފަރާތްތަކެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ،" މިހެން އެންބީއޭއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގައި ސަފާރީތަކުގެ ދައުރު މުހިންމުކަން ފާހަގަކޮށް، އެ އުޅަނދުތައް އެޅޭނެ އެކަށީގެންވާ ބަނދަރެއް ނުވަތަ ސަރަޙައްދެއް ހަމަޖެހެންދެން ހުޅުމާލޭ ފަޅުން ސަފާރީތައް ނަގަން އެންގުން މަޑުޖައްސާލުމަށް ބޯޓިން އެސޯސިއޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންބީއޭއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޤައުމުގެ ތަރައްޤީއަށް ހިންގާ އެންމެހައި މަޝްރޫޢުތަކަށް އެ އެސޯސިއޭޝަނުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، ރާއްޖޭގެ މެރިޓައިމް އަދި ފަތުރުވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ސަރުކާރާއެކު ގާތުން މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ.

ހުޅުމާލޭ ފަޅުގައި މިވަގުތު ވަރަށް ގިނަ އަދަދެއްގެ ސަފާރީތައް އަޅާފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.